English Edition
Dhivehi Edition
އެއާ އިންޑިއާގެ ފްލައިޓު ދެފަޅިވެފައި - ފޮޓޯ: ނިއުސް ބަސްޓް

191 ފަސިންޖަރުންނާއެކު ދުބާއިން ދަތުރުކުރަމުން އައި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓެއް ކެރަލާގެ ސިޓީއެއް ކަމަށްވާ ކޮޒިކޮޑޭގެ ރަންވޭގައި ޖައްސަން އުޅުމުގެ ތެރޭގައި ކަހާލައި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ފްލައިޓުގެ އެއް ޕައިލެޓަކު ވަނީ މަރުވެފަ އެވެ. ހާދިސާ ހިނގި ތަނުގެ ފޮޓޯތައް މިހާރު ދައުރުވަމުންދާއިރު، ފޮޓޯތަކުން ފެންނަ ގޮތުގައި އެ ފްލައިޓު ވަނީ ދެފަޅިވެފަ އެވެ.

މިރޭ ރާއްޖޭ ގަޑިން 08:08 ގައި ހިނގި އެ އެކްސިޑެންޓްގައި 16 މީހަކު މަރުވެފައިވާއިރު، 123 މީހަކު ވަނީ ޒަޚަމްވެފަ އެވެ. އަދި 13 މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައި ކަމަށް މަލައްޕޫރަމްގެ ސުޕްރިޓެންޑެންޓް ވަނީ “އޭއެންއައި” އަށް މަޢުލޫމާތު ދީފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު އެ ސަރަޙައްދަށް ދިޔައީ ވަރަށް ބޯކޮށް ވާރޭވެހެމުންނެވެ.

މިރޭ އެކްސިޑެންޓްވި އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓަކީ “ވަންދޭ ބާރަތު މިޝަން”ގެ ދަށުން ކޮވިޑް-19ގެ މި ދަނޑިވަޅުގައި ދުބާއީގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ޤައުމަށް ގެނައުމަށްޓަކައި ބޭއްވި ފްލައިޓެކެވެ.