އުދަ އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް، މިއަދު 15:30 އިން ފެށިގެން 18:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެއެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއިރު، އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އަދި ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނުގައި ރާޅުގެ އުސްމިނުގައި 3-5 ފޫޓު އަދި އެހެން ހިސާބުތަކުގައި 4-6 ފޫޓު ހުންނާނެ އެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެން ވާ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުން އަދި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގައިފަ އެވެ.