Sarukaaruge idhaaraathah aanmukoh hulhuvaigen masakkaiy kurumugai amalu kuraane usoolu hamajassaifi - AO News
English Edition
Dhivehi Edition

Worldwide

  • 58,487,754confirmed
  • 40,464,377recovered
  • 16,637,043active
  • 1,386,334deaths

Maldives

  • 12,578confirmed
  • 11,559recovered
  • 974active
  • 45deaths

ކޮވިޑް 19 ކަވަރޭޖް

4 މަސް ކުރިން
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް - ފޮޓޯ: ރިޒްނާ ޒަރީރު

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ހަލުވިކާއެކު ކޮވިޑް-19 ފެތުރެމުންދާތީ، 2020 ވަނަ އަހަރުގެ އޮގަސްޓު 9 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރާއިރު ޢަމަލުކުރަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި މިއަހަރު 25 ވަނަ ނަންބަރު ދެންނެވުމުގައެވެ.

Advt

Advertisement

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ކޮވިޑް-19 ޖެހިފައިވާ މީހުން ތިބިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ހާމަކުރައްވާ ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކުން ޚިދުމަތް ދިނުމުގައްޔާއި، މުވައްޒަފުން މަސައްކަތަށް ނެރުމުގައި މިއަދު ހަމަޖެއްސެވި އުސޫލަކީ، މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖެއްސުމާއި، މިނިސްޓަރު ނުވަތަ އިދާރާގެ އިސްވެރިޔާ ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އެއްފަހަރާ ވީހައިވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތްކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމާއި، މުވައްޒަފުން ޓީމުތަކަކަށް ބަހައިލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، އިދާރާއިން ދޭ ޚިދުމަތްތަކުގެ ބާވަތަށާއި، ދޭ ޚިދުމަތްތަކުގެ މިންވަރަށާއި، ޚިދުމަތް ދިނުމަށް ލިބިފައިވާ ވަސީލަތްތަކަށާއި، މުވައްޒަފުންގެ އަދަދަށް ބަލައި، އިދާރާއިން ދޭ ޚިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައި، އެކި ދުވަސްތަކުގައި އެކި ޚިދުމަތް ދޭ ގޮތަށް ހަމަޖެއްސުމެވެ.

ސަރުކާރުގެ ހުރިހާ އިދާރާއަކުން ޢަމަލުކުރައްވަން މިއަދު ހަމަޖެއްސެވި މިންގަނޑުތަކުގެ ތެރޭގައި ހިމެނެނީ، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު، ނުރަސްމީގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި، ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ސަރުކާރުގެ އެހެން އިދާރާތައް، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00 ގެ ފަހުން ހުޅުވައިގެން މަސައްކަތް ނުކުރުމާއި، ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދޭން ފެށި ޚިދުމަތްތައް އެ ގޮތުގެ މަތިން ދެމުން ގެންދިޔުމެވެ. އަދި، އޮންލައިންކޮށް ދެވެންހުރި އިތުރު ޚިދުމަތްތަކަކީ ކޮބައިތޯ ބަލައި، އެ ޚިދުމަތްތައް އޮންލައިންކޮށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން ގެންދިޔުމާއި، ސަރުކާރުގެ އޮފީހަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވައިފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް، އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވައިފައި ނުބެހެއްޓުމެވެ.

މީގެ އިތުރުން، ސަރުކާރުގެ އިދާރާތައް ހިންގުމުގައްޔާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ޞިއްޙީ ރައްކައުތެރިކަމުގެ ގޮތުންނާއި، މަސައްކަތު މާޙައުލުގެ ސާފުތާހިރުކަމުގެ ގޮތުންނާއި، އިޖުތިމާޢީ ގައިދުރުކަމުގެ ގޮތުން އަޅަންޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި މަޝްވަރާގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ފިޔަވަޅުތައް ސަރުކާރުގެ އިދާރާތަކުން ތަންފީޒުކުރުމަށާއި، އޮފީހުން ކުރާ ކަރުދާހުގެ ޚަރަދާއި، ޕްރިންޓްކުރުމުގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައިގެން އެގޮތަށް މަސައްކަތްކުރެވޭނެ އުސޫލުތައް ހަދައި، އެ އުސޫލުތައް ތަންފީޒުކުރުމަށާއި، ލިޔެކިއުންތައް ވީވަރަކުން ޑިޖިޓަލައިޒް ކޮށްގެން “ޕޭޕަރލެސް” މަސައްކަތުގެ މާޙައުލެއް އޮފީހުގައި ޤާއިމުކުރުމަށް މަސައްކަތްކުރުމަށާއި، ކޮވިޑް 19 އާ ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށާއި، ދައުލަތުގެ ބަޖެޓަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަން ފަށައިފައިވާތީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، ޚަރަދު ކުޑަކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައެވެ.

ސަރުކާރުން މިގޮތަށް ހަމަޖެއްސެވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށްވާތީ، މުވައްޒަފުން ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައެވެ.