English Edition
Dhivehi Edition
މެޑިކަލް އޮފިސަރ ޑރ. މުރުޝެދު ޗޯވްދްރީ ކޮވިޑް-19 އިން ދިފާޢުވާ ކޮވިޝީލްޑް ވެކްސިން ޖައްސަވަނީ ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

މި ފިޔަވަޅަކީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި، ބަލީގެ ސަބަބުން ފުރާނައަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މިހާތަނަށް މާލެ ސަރަހައްދުން 9 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އެޗްޕީއޭއިން ދަނީ ބަލިޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކުރުމާއި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ ޢަބްދުލްގަފޫރު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި އާންމުންގެ ތެރެއިން ވެކްސިން ފުރިހަމަނުކޮށް ތިބި މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލާނެއެވެ. އަދި މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިއްޙީ މާހިރުން ލަފާދެއްވަނީ، ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ، އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. ހާއްސަކޮށް ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް މި ބަލީގެ ނުރައްކާ ބޮޑުވުމުން، އެންމެންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޑޮކްޓަރަށް ދެއްކުމަށްދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ.