English Edition
Dhivehi Edition

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށާއި ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިއުލާނެއްގައި ވަނީ، ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު 16 އޮގަސްޓް ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހުށަހަޅާ ފޯމާއި ލިޔުންތައް ކޮމިޝަންގެ ރަސްމީ އީމެއިލް އެޑްރެހަށް ([email protected]) ފޮނުވުމުން ފޯމް ބަލައިގަންނާނެ ކަމަށް އެ ކޮމިޝަނުން ކުރި އިއުލާންގައި ވަނީ ބުނެފައެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 54،300 ރުފިޔާ ކަނޑައަޅާފައިވާއިރު ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކާއި ކްރިމިނަލް ކޯޓުގެ ގަޒީކަމަށް ކުރިމަތިލާ ފަރާތަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމުގެ އިތުރުން، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީއަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 48،300 ރުފިޔާ ކަނޑއަޅާފައިވާއިރު ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.