English Edition
Dhivehi Edition

މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މީގެ 10 އަހަރު ކުރިން މަރާލާފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ އޭރުގެ ލޯބިވެރިޔާ، މުހައްމަދު ނަޖާހުގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފިއެވެ.

ޝީރީން މަރާލާފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މ. އަންގާގިރި ކިޔާ ގޭގައި ހުރި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ނަޖާހުގެ މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކުރީ ޑިސެމްބަރު، 20، 2009 އިން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ.

އޭރު ކްރިމިނަލް ކޯޓްގެ ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ޝީރީން މަރުވި ސަބަބު ނޭނގޭ ކަމަށާއި އޭނާ މަރުވި ސަބަބު ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެންކަމަށެވެ. އެހެންކަމުން އޭގެ ހަ އަހަރު ފަހުން ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ތުހުމަތުވާ މުހައްމަދު ނަޖާހު މައްޗަށް ގަސްތުގައި މީހަކު މެރި ކަމުގެ ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށް އޭނާ މިނިވަންކޮށްފައެވެ.

އެހެންނަމަވެސް ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކްރިމިނަލް ކޯޓުގެ ހުކުމްވަނީ ބާތިލްކޮށްފައެވެ.