English Edition
Dhivehi Edition
ޖުޑީޝަލް ސަރވިސް ކޮމިޝަން އަދި ޑީޖޭއޭ - ފޮޓޯ: ރާއްޖެ އެމްވީ

ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ނެތް 10 އެޑްމިނިސްޓްރޭޓަރަކު މަޤާމުން ވަކިކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

ޑީޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން، ކޯޓުތަކުގެ އިދާރީ މަސައްކަތަކުގެ އޮނިގަނޑަށް ބަދަލުގެނެސް، އެޤާނޫނަށް އިތުރު ކުރެވުނު 1-21 ވަނަ މާއްދާގެ (ރ)ގެ (1)ވަނަ ނަންބަރުގައި، ޝަރުޢީކޯޓުތަކުގެ އިދާރީ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި އިދާރީ އިސް މުވައްޒަފެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ، ކޯޓުތަކަށް ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުން ހަމަޖެއްސާނޭ ގޮތް އެކަށައަޅައި، 2019 އޮކްޓޫބަރު 20ވަނަ ދުވަހު އެ ޑިޕާޓްމަންޓުން، “ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަޤާމުގެ މަސްޢޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު” ޢާއްމު ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން އެ އުޞޫލު ޢާއްމު ކުރެވުނު އިރު، ޝަރުޢީ ކޯޓުތަކުގެ ތެރެއިން ބައެއް ކޯޓުތަކުގައާއި އަދި ބައެއް ޖުޑީޝަލް ދާއިރާތަކުގައި، ކޯޓު އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި މުވައްޒަފުންތަކެއް ތިބުމާއެކު، އަލަށް އުފެއްދުނު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު، ބުނެވިދިޔަ އުޞޫލުގައި ވާގޮތުގެ މަތީން، މިދެންނެވި މުވައްޒަފުންނާއި ވަގުތީ ގޮތުން ޙަވާލު ކުރެވުނު ކަމަށްވެސް ޑީޖޭއޭ އިން ބުނެފައި ވެއެވެ.

އަދި އެ މުއްދަތުގައި ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަސައްކަތުގެ ފެންވަރު ބެލުނު އިރު، ޗީފް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް
ބަދަލުވުމަށް ބޭނުންވާ، 70 އިންސައްތަ މާކުސް ނުލިބޭ 10 މުވައްޒަފެއް ފާހަގަ ކުރެވިފައިވާ ކަމަށް ޑީޖޭއޭ އިން ބުނެއެވެ. އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011ގައި ބަޔާންކުރާ ނޯޓިސް ދިނުމާއެކު، އެޤަވާޢިދުގެ 96ވަނަ މާއްދާގައި ވާ ގޮތުގެ މަތީން، އެކަށީގެންވާ އެހެން ވަޒީފާ އެއް ޝަރުޢީ ދާއިރާއިން ހަމަޖެއްސޭތޯ ބަލައި، އެފަދަ ވަޒީފާ އެއް ހަމަޖެހެން ނެތްނަމަ، އެމުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ދޫކޮށްލުމަށް ނިންމާފައިވާ ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.