English Edition
Dhivehi Edition
13 އޭޕްރީލް 2020 ވަނަ ދުވަހު ހުޅުމާލޭގެ މަގުތައް ފުލުހުން މޮނިޓަރކުރަނީ - ފޮޓޯ: ޕޮލިސް

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާއި ޚިލާފުވެގެން އިއްޔެވެސް 20 ތަނެއް ބަންދުކޮށްފި އެވެ.

އެގޮތުން އެޗްޕީއޭ އިން ހާމަކުރާ ގޮތުގައި އިއްޔެ ވަނީ 146 ތަނެއް އިންސްޕެކްޓްކޮށްފަ އެވެ. އޭގެ ތެރެއިން 20 ތަނެއް ވަނީ މިހާރު ވަގުތީ ގޮތުން ބަންދުކޮށްފައިވާއިރު، ހޯމަ ދުވަހުވެސް 33 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

އެގޮތުން އެޗްޕީއޭ އިން އިއްޔެ ބަންދުކުރި ތަންތަނުގެ ތެރޭގައި އަށް ސެލޫނަކާއި، ހަތް ފިހާރައަކާއި، ތިން ކެފޭއާއި ރެސްޓޯރެންޓްގެ އިތުރުން ދެ ޖިމް ހިމެނެއެވެ.

އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލުމަށް “މާސް އިންސްޕެކްޝަން” ފަށާފައި ވަނީ ޖުލައި 30 ވަނަ ދުވަހު އެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގަމުންދާ އެ ޚާއްސަ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 778 ތަނެއް އިންސްޕެކްޓްކޮށް، ޖުމްލަ 168 ތަނެއް ވަނީ ބަންދުކޮށްފަ އެވެ.

މާލެ ސަރަޙައްދުގައި އެޗްޕީއޭ އިން މި ޚާއްސަ އޮޕަރޭޝަން ފަށާފައި މިވަނީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވެފައި ވަނިކޮށް، އަނެއްކާވެސް ކުއްލިއަކަށް ޕޮޒިޓިވް ކޭސްތައް އިތުރުވަމުން ދިއުމާއި ގުޅިގެންނެވެ.