English Edition
Dhivehi Edition
މޯލްޑިވްސް މީޑިއާ ކައުންސިލް - ފޮޓޯ: އެޓޯލް ނިއުސް

ކާފިއު ވަގުތުގައި މީޑިއާގެ ފާސް އަޅައިގެން ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ޙާލަތު އިތުރަށް ގޯސްވެފައިވާ ކަމަށާއި މިއާއެކު އެޗްޕީއޭ އާއި އެޗްއީއޯސީން މިހާރު އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި، އެކަމަށް ސަމާލުވުމަށް ދިވެހި އެންމެހައި ނޫސްވެރިންނަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ މާލެ ސަރަޙައްދުގައި ބޭރަށް ނުކުމެ އެުޅުން މަނާ ވަގުތުތަކުގައިވެސް ނޫސްވެރިންނަށް، އެ ނޫސްވެރިއަކު ނިސްބަތްވާ މީޑިއާގެ ފާސް އަޅައިގެން ބޭރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެ ކައުންސިލަށް ޔަޤީންކޮށްދެއްވާފައިވާ ކަމަށެވެ.

“އެހެންނަމަވެސް މި ޙާލަތުގައި ނޫސްވެރިން މަސައްކަތް ކުރާއިރު، އެންމެ އިސްކަމަކަށް އަމިއްލަ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރަން. އަދި ބޭރުގައި އުޅޭއިރު އަބަދުވެސް މާސްކު އެޅުމަށާއި، އަތް ސާފުކޮށް ސެނިޓައިޒްކުރުމަށް ހަނދާންކޮށްދެން”، އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ ފާހުގެ އަގު ހިފެހެއްޓުމަށާއި، އެ ފާސް ނަހަމަ ގޮތުގައި ބޭނުންނުކުރުމަށްވެސް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކޮވިޑް-19 އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޒިންމާދާރުކަން އިސްކުރުމާއި، ވީހާވެސް ބޮޑަށް މަޢުލޫމާތު ކަށަވަރު ކުރުމަށްފަހު ޤައުމީ މަސްލަޙަތު އިސްކޮށް ޞައްޙަ މަޢުލޫމާތު ފެތުރުމަށްވެސް އެ ކައުންސިލުން ވަނީ ހަނދާންކޮށްދީފަ އެވެ.