English Edition
Dhivehi Edition
މާލެއިން ރޭންޑަމް ސާމްޕަލް ނެގުމުގައި ފުލުހުން ހަރަކާތްތެރިވަނީ - ފޮޓޯ: ޕޮލިސް

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 89 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާ މަރުވެފައި ވަނީ މިއަދު 08:57 ގައި ކަމަށްވެސް އެޗްޕީއޭ އިން ހާމަކުރެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 18 އަށް އަރައިފަ އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައި ވަނީ 12 ދިވެހިންނާއި ހަ ބިދޭސީންނެވެ.

ރާއްޖެއިން މިހާތަނަށް 4،164 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އަދި މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1،489 މީހުން ކަމަށްވާއިރު، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 84 އަށް އަރައިފަ އެވެ.

މީގެ އިތުރުން ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 2،643 މީހުން ވަނީ ރަނގަޅުވެފައެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 80،999 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 815 މީހުން އެބަތިއްބެވެ.