English Edition
Dhivehi Edition

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަލަށް ގެނައި އުސޫލެއްގެ ދަށުން ބައެއް ކޯޓުތަކުގެ އެޑްމިިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރަން ނިންމައިފިއެވެ.

ޑީޖޭއޭ އިން ބުނީ އެ މުވައްޒަފުން ވަކިކުރަން ނިންމީ އާންމު ކޮށްފައިވާ އުސޫލުގެ ދަށުން ކަމަށާއި އެ އުސޫލުގެ ދަށުން 10 މީހަކު މަގާމުން ވަކިކުރަން ނިންމާފައިވާކަމަށެވެ. އަދި އެ އުސޫލުގެ ދަށުން 12 މީހަކު ދާއިމީ ކުރަން ނިންމާފައިވާ ކަމަށް ވެސް ޑީޖޭއޭ އިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކޯޓުތަކުގެ އެޑްމިނިސްޓްރޭޓަރުން ވަޒީފާއިން ވަކިކުރަން ނިންމީ ދާއިމީ ވަޒީފާގައި ތިއްބާ “ގާނޫނާ ޚިލާފަށް” ހަ މަހުގެ ޕްރޮބޭޝަން މުއްދަތެއް ދީ އަދި މަސައްކަތުގެ ފެންވަރު ބެލުމާ ބެހޭ އާ އުސޫލެއް ހެދުމަށް ފަހުއެވެ. އަދި އެ އުސޫލު އޮތް ގޮތުން ކޯޓް އެޑްމިނިސްޓްރޭޓަރުންގެ މަގާމު ޗީފް އެޑްމިނިސްޓްރޭޓާގެ މަގާމަށް ބަދަލުވެ، މަގާމުގެ ރޭންކް ވެސް އިތުރަށް ދަށްވެއެވެ

.މަސައްކަތުގެ ފެންވަރު ބެލުމުގެ ގޮތުން ޑީޖޭއޭ އާއި އެކި ފަރާތްތަކުން ޕޮއިންޓް ދިނުމަށް ފަހު 70 ޕަސެންޓް މާކްސް ނުލިބޭ މީހުން ވަޒީފާއިން ވަކިކުރަން ނިންމާފާއިވާއިރު ޕޮއިންޓް ދޭ އުސޫލު އާންމުކުރީ ޕްރޮބޭޝަނަށް ދިން މުއްދަތު ހަމަވުމުގެ ދެ ދުވަސް ކުރިން ކަމަށް މުއައްޒަފުންވަނީ ބުނެފައެވެ.

ގިނަ އަދަދެއްގެ މުއައްޒަފުން އާ އުސޫލުގެ ދަށުންކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށް ނިންމުމާއި ގުޅިގެން އެކަމާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ކޮވިޑް-19 އާ ގުޅިގެން މާލީ ހާލަތު ދަށްވެފައި ވަނިކޮށް އެފަދަ ނިންމުމެއް ނިންމުމަކީ ވަކި މަގްސަދެއްގައި ކޮށްފައިވާކަމެއްކަމަށް ގިނަ ބަޔަކުވަނީ ތުހުމަތުކޮށްފައެވެ.