އިނގިރޭސި އެފްއޭކަޕް ފައިނަލްގައި ފަހަތުން އަރައި 2-1 އިން ޗެލްސީ ބަލިކޮށް އާސެނަލުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ އާސެނަލުން މި މުބާރާތް ކާމިޔާބުކުރި 14 ވަނަ ފަހަރެވެ. އަދި ޗެލްސީ އަތުން ފައިނަލްގައި މޮޅުވި ތިންވަނަ ފަހަރެވެ. މިހާތަނަށް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް އާސެނަލުންނެވެ.
އާސެނަލުން ރޭގެ މެޗަށް ނިކުތްއިރު ސެމީގައި މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވި މެޗުގެ ފުރަތަަމަ އެގާރަ އަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޗެލްސީން ވެސް ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގެ އިތުރުން އެފްއޭކަޕްގެ ސެމީގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ވިލީ ކަބަލޭރޯ ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޗެލްސީން ކްރިސްޓިއަން ޕުލިސިޗްގެ ލަނޑުން ލީޑް ނަގާފައި ވަނިކޮށް، މެޗުގެ 28 ވަނަ މިނެޓުގައި އާސެނަލަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ޕިއޭ-އެމެރިކް އޯބަމަޔަން އެވެ. މިއީ އޯބަމަޔަން އަށް ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އާސެނަލް މޮޅުވި ލަނޑު، މެޗުގެ 67 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ވެސް އޯބަމަޔަން އެވެ. މިއީ އެފްއޭކަޕްގައި އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޯބަމަޔަން ޖެހި ހަތަރު ވަނަ ގޯލެވެ.
ޗެލްސީން މެޗު ކާމިޔާބުކުރުމަށް ކުރަމުން އައި މަސައްކަތަށް ހުރަސްއެޅުނީ އޭގެ ހަ މިނެޓު ފަހުން އެ ޓީމުގެ މަޓެއޯ ކޮވަސިޗަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުންނެވެ. މީގެއިތުރުން، ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން އަޒްޕިލިކުއެޓާ އާއި ޕުލިސިޗް އަދި ޕެޑްރޯ ރޮޑްރިގޭޒް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ބުނީ މިދިޔަ ޑިސެމްބަރު މަހު ޓީމާ ހަވާލުވެ އުނދަގޫ ހާލަތުން އަރައިގަނެ މި ފަދަ ކާމިޔާބީއެއް ލިބުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައި އެފްއޭ ކަޕް ހޯދުމަށް ވުރެ ކޯޗެއްގެ ގޮތުގައި އެ މުބާރާތް ކާމިޔާބުކުރެވުމުން ހާއްސަ އުފަލެއް ލިބިފައިވާ ކަމަށް ވެސް އާޓޭޓާ ބުންޏެވެ. މީގެއިތުރުން، އާޓޭޓާ ވަނީ ކޯޗެއްގެ ގޮތުގައި އޭނާ އަށް މަސައްކަތްކުރުމަށް ހިތްވަރުލިބުމުން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ޝުކުރު އަދާކޮށްފައެވެ.