English Edition
Dhivehi Edition

ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ރޭ ނިޔާވެއްޖެއެވެ. އައިޖީއެމްއެޗްގައި ރޭ ނިޔާވީ ސ. ހިތަދޫ ވަރުދީގޭ އުމުރުން 52 އަހަރުގެ އާމިނަތު ހުޝާމާއެވެ. މިއީ ރާއްޖެ އިން އެ ބަލީގައި ނިޔާވި 17 ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެއީ ނޭވާލާން އުނދޫވެގެން އިއްޔެ ހަވީރު 4:40 ގައި އައިޖީއެމްއެޗުގެ އިމަޖެންސީ ބަޔަށް ދިޔަ އުމުރުން 52 އަހަރުގެ އަންހެނެއް ކަމަށެވެ.

އާއިލާއިން ބުނެފައިވަނީ ހުޝާމާ އަކީ ހައިރިސްކު ކެޓަގަރީގެ މީހެއް ކަމަށާއި މީގެ ހަފްތާއެއްހައި ދުވަސްކުރިން ވަރަށް ގަދަ ހުމެއް އައިސްގެން އޭޑީކޭއަށް ދެއްކުމުން ޔޫރިން އިންފެކްޝަނެއް ކަމަށް ބުނެ އެންޓިބަޔޮޓިކް ދީފައި ވާ ކަމަށެވެ. ނަމަވެސް ހުން ރަނގަޅު ނުވެ ނޭވާލާން ދަތިވާތީ އައިޖީއެމްއެޗް އަށް ރޭ ގެންދިއުމުން ކޮވިޑް އަށް ޓެސްޓް ހެދުމަށްފަހު ޓެސްޓް ޕޮޒިޓިވް ކަމަށް ބުނި ކަމަށެވެ. އަދި ވެންޓިލޭޓަރަށް ލާން އުޅެނިކޮށް ވިންދު ނުލިބޭ ކަމަށާއި އަދި ޕޮޒިޓިވްވި ކަން އެނގުމާއި ނިޔާވުމާ ދެމެދު މާ ގިނަ ވަގުތެއް ނުނަގާ ކަަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ހުޝާމާއަކީ މީގެ ކުރިން ސ. އަތޮޅު ތައުލީމީ މަރުކަޒުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވެވި އަދި އައްޑޫގެ ގިނަ ދަަރިވަރުންތަކެއްގެ އުސްތާޒާއެކެވެ.

ކޮވިޑް 19 ގައި މިހާތަނަށް ރާއްޖޭން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 11 ދިވެއްސަކާއި ހަ ބިދޭސީއެކެވެ.

ރާއްޖެއިން މިހާރު ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 3،949 އަށް އަރައިފަ އެވެ.