English Edition
Dhivehi Edition
އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީޤު

ކޮވިޑް-19 ފެތުރުން ކޮންޓްޜޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި މާލޭގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންގުމާއި ޚިލާފުވެގެން ހަތަރު މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ފަރާތުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ މާސްކު ނާޅައި އުޅޭ މީހުންނަށް ފުރަތަމަ ދޭނީ ނަސޭހަތް ކަމަށާއި، ދެވަނަ ފަހަރަށްވެސް އެކަން ރަނގަޅުކޮށްފިނަމަ ޖޫރިމަނާކުރާނެ ކަމަށެވެ.

އެގޮތުން ޑރ. ނަޒްލާ ވިދާޅުވީ މިއަދު އެ އެންގުމާއި ޚިލާފަށް މާސްކު ނާޅައިގެން މަގުމަތީގައި އުޅުނު 116 މީހަކަށް ނަސޭހަތްދީފައިވާ ކަމަށާއި، ހަތަރު މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ވަނީ މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ގެއިން ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް އަންގައިފަ އެވެ. އެޗްޕީއޭގެ މި އެންގުމުން އިސްތިސްނާވެގެންވަނީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތު ކުރާ ވަގުތުތަކުގައި އަދި އެހެން މީހެއްގެ އެހީއާ ނުލައި މާސްކު އަޅައި ނުނެގޭ މީހުންނެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައި މިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 އަދިވެސް ފެތުރިގެންދިއުމާއި ގުޅިގެންނެވެ. އެގޮތުން މިއަދުވެސް 156 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި 134 ދިވެއްސަކުވެސް ހިމެނެއެވެ.