English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އަހުމަދު އަވްޝަން (މިހާރު)

ރާއްޖެއިން އަނެއްކާވެސް ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެއްޖެ އެވެ. އެގޮތުން މިއަދު އެކަނިވެސް 156 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 134 ދިވެހިންނާއި، 20 ބަންގްލަދޭޝްގެ މީހުންގެ އިތުރުން އިންޑިއާގެ މީހަކާއި ސްރީ ލަންކާގެ މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެވެސް 74 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،949 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި 1،933 ދިވެހިން ހިމެނޭއިރު، ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1،602 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 79،817 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 815 މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލްތަކުގައި 72 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.