English Edition
Dhivehi Edition

މާލޭގެ ގެއެއްގެ ތެރޭގައި ރޭ މަރުވެފައި އޮއްވައި ފެނުނު ބިދޭސި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ރޭ ދަންވަރު މަރުވި އުމުރުން 29 އަހަރުގެ ބަންގްލަދޭޝްގެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓުކުރިއިރު، ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ދިރިއުޅޭ ތަނުގައި ވެއްޓިފައި އޮއްވާ ކަމަށްވެއެވެ.

އެ މީހާ އެ ބައްޔަށް ޓެސްޓްކުރީ، މި ދުވަސްވަރު މަރުވާ އެންމެން ވެސް ކޮވިޑަށް ޓެސްޓު ކުރާ އާއްމު އުސޫލުންނެވެ. ނަމަވެސް އެއީ ކޮވިޑް ޖެހިގެން މަރުވި މީހެއް ކަމަށް އެެޗްޕީއޭއަކުން ނުބަލަ އެވެ. އެއީ ކޮވިޑް ޖެހިގެން މަރުވި މީހެއް ކަމަށް ނުބެލީ އޭނާ މަރުވުމުގެ ކުރިން އެ ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާތީ އެވެ.

ރާއްްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 3،719 އެވެ. އޭގެ ތެރެއިން 2،568 މީހަކު އެ ބަލިން ރަނގަޅުވެފައިވާ އިރު 16 މީހަކު ވަނީ މަރުވެފަ އެވެ.