English Edition
Dhivehi Edition
އެޗްއީއޯސީގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީޤު - ފޮޓޯ: އެޗްއީއޯސީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން އާންމު ތަންތަނުގައި މާސްކު ނާޅައި އުޅޭ ފަރާތްތައް 1،000ރ. އިން ޖޫރިމަނާކުރާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެޗްއީއޯސީގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު، ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ މިރެއިން ފެށިގެން މާލޭގައި ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުވާނެ ކަމަށާއި، އާންމު ތަންތަނުގައި އުޅެނީ މާސްކު އަޅައިގެންތޯ ފުލުހުން ބަލަމުންގެންދާނެ ކަމަށެވެ.

މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅައި އާންމު ތަންތަނުގައި އުޅޭ ފަރާތްތައް 1،000ރ. އިން ޖޫރިމަނާކުރަން ފަށާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ނިންމާފައި ވަނީ ފަހަކަށް އައިސް ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، މިއީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި މުހިންމު ކަމެއް ކަމުގައި ފެންނާތީ ކަމަށެވެ.

ބޭރު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، ރާއްޖޭގައި ކޮވިޑް-19 އަދިވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން މިއަދު އެކަނިވެސް 152 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 3،719 އަށް އަރައިފަ އެވެ.