English Edition
Dhivehi Edition
އެމްއޭސީއެލްގެ މުވައްޒަފުން ވީއައިއޭގެ ކައުންޓަރުތަކުގައި - ފޮޓޯ: އެމްއޭސީއެލް

މީހުން ފުރުވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދާއިރު، އެކަކަށްވުރެ ގިނަ މީހުން ނުދިއުމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ވީއައިއޭ އަށް އަންނަ މީހުން ބަލާދާއިރު އަދި މީހުން ފުރުވުމަށް ދާއިރުވެސް، އެންމެ ގިނަ ވެގެން އެކަކު ދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުން ކޮވިޑް-19 ޕެންޑެމިކްގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި، އެހެންކަމުން ކޮންމެހެން ދާން ޖެހިގެން ނޫނީ އެއާޕޯޓަށް ނުދިއުމަށްވެސް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.

އެމްއޭސީއެލް އިން ބުނީ މިގޮތަށް އެދިފައި ވަނީ ނުރައްކާ ކުޑަކޮށް، އެންމެންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު ބޯޑަރުތައް ބަންދުކުރުމަށްފަހު، އަލުން ބޯޑަރު ހުޅުވާލާފައި ވަނީ މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް ފަތުރުވެރިން އަންނަން ފަށާފައިވާއިރު، އިމިގްރޭޝަނުން ހާމަކުރާ ގޮތުގައި ފުރަތަމަ 10 ދުވަސް ތެރޭގައި ރާއްޖެ އައިސްފައި ވަނީ 904 ފަތުރުވެރިންނެވެ. ދާދިފަހުން ރާއްޖެއިން ފަތުރުވެރިއަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިހާތަނަށް ރާއްޖެއިން 3،719 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ބަލިން 2،568 މީހަކު ވަނީ ރަނގަޅުވެފަ އެވެ. އަދި 16 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.