English Edition
Dhivehi Edition

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަކުރެވިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދެވުނު އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.

އެމް.އޭ.ސީ.އެލްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދެވުނު މި ޕްރޮގްރާމުގައި ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތު މާހުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ދީފައެވެ.

އެމް.އޭ.ސީ.އެލްއާއި ކެއަރ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދެވުނު މި ޕްރޮގްރާމު ކުރިއަށް ގެންދެވިފައިވަނީ 1 މޭއި 2023 އިން 31 ޖުލައި 2023 އަށެވެ.

ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް މިއަދު އެއަޕޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ.

މި ހަފްލާގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކެއަރ ސޮސައިޓީގެ އިސްވެރިން ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

ތިން މަސްދުވަހަށް ގެންދެވުނު މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ވަނީ ކޮންމެ މަހަކު ޚާއްޞަ އެލަވަންސް ކޮންމެ ކުއްޖަކަށް ދެވިފައެވެ. އަދި އެމް.އޭ.ސީ.އެލްގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެވިފައެވެ.

އެގޮތުން، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން، އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ އިންޓާންގެ ބައިވެރިންނަށް ލިބިގެން ގޮސްފައެވެ.

މި ދަރިވަރުންނަށް ހާއްސަ ކުރެވިފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާއިއެކު، މިކުދިންނަށް ވަނީ މަސައްކަތުގެ މާހުލުގައި މަސައްކަތުގެ ތަޖްރިބާ ލިބިގެން ގޮސްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ވިދާޅުވީ، މިއީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އެފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިގެންދިއުމުގެ އިތުރުން، މިކުދިންނަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެކަމަށް އަރީފް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.