English Edition
Dhivehi Edition

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024 ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ކަން އިއުލާންކޮށްފިއެވެ.

މިކަން އިއުލާންކޮށްފައިވަނީ އެމެރެކާގެ ސެންފްރެންސިސްކޯގައި 17 ޖުލައި އިން 19 ޖުލައި 2023 އަށް ކުރިއަށްގެންދިޔަ މިއަހަރުގެ ކޮންގްރެސް އިވެންޓެއްގެ ތެރެއިންނެވެ.

މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވަނީ ކޮންގްރެސްގެ ބައިވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށާއި ދިވެހިރާއްޖޭގެ އެވިއޭޝަން އިންޑަސްޓްރީ ބައްލަވާލެއްވުމަށް ދައުވަތު ދެއްވާފައެވެ.

މިއީ އޭވިއޭޝަން ދާއިރާއިން، ބައިނަލްއަޤްވާމީ، މިފަދަ ޝަރަފްވެރި އަދި ބޮޑު ހަރަކާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ އޭވިއޭޝަން ދާއިރާގެ މަންދޫބުންގެ މެދުގައި މަޝްވަރާތައް ކުރެވި، ދުނިޔޭގެ ވައިގެ ޚިދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޕްލެޓްފޯމެއް ލިބިގެންދާނެއެވެ.

އިންޑިއާ ކަނޑު ދުނިޔޭގެ އެކި ހިސާބުތަކަށް ގުޅުވާލަދޭ، މައި ހަބެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެގައި އޭވިއޭޝަން އިންޑަސްޓްރީގެ ވާހަކަތައް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ލިބުނު ޝަރަފެކެވެ.

ރާއްޖޭގައި ބޭއްވޭ މި ކޮންގްރެސްގެ ތެރެއިން، ކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްދިނުމުގެ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުސަތުފަހިވެގެން ދިއުމުގެ އިތުރުން، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކައި ގުޅުން ބަދަހިކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. އަދި މި މުޢާމަލާތްތަކުގެ ސަބަބުން، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުތަކަށް ދަތުރުކުރާނެ އެއަރލައިންތައް އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.

މިއާއިއެކު ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިސާދަށް އަދި މުޅި ވައިގެ ޚިދުމަތް ކުރިއެރުމަށް އާ ވިސްނުންތަކާއި، އީޖާދީ ގޮތްތައް ހޯދުމުގެ މަގުތައް ފަހިވެގެންދާނެއެވެ.

މީގެ އިތުރުން، މި ކޮންގްރެސް މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު ގުދުރަތީ ރީތިކަން ތަޖުރިބާކުރުމުގެ ފުރުޞަތު މަންދޫބުންނަށް ފަހިވެގެންދާއިރު، ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތިކަން އަމިއްލައަށް ވަޒަންކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އެހެންކަމުން މިއީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްވެސް ލިބިގެންދާ ފަހި ފުރުސަތެކެވެ.

“އޭވިއޭޝަން ދާއިރާގެ ކުރިއެރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް މި މުހިންމު ހަރަކާތުން އަލިއަޅުވާލެވިގެންދާނެ. ވޭތުވެދިޔަ އަހަރުތަކުގައި އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާ ބަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދިފައި.” މަހްޖޫބު ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތަކުން ފެށިގެން އާ ކޯޑް އެފް ރަންވޭއެއް އެޅުމާއި އެހެނިހެން ވަސީލަތްތަކާއެކު، ފަސިންޖަރުންނާއި އެއަރލައިންތަކުގެ ބޭނުންތައް ފުއްދުމަށްޓަކައި ޚިދުމަތްތައް އަބަދު ވެސް ހަރުދަނާކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއާ ސަރވިސް ވޯލްޑް ކޮންގްރެސް 2024 އަށް މަންދޫބުންނަށް މަރުޙަބާ ދެންނެވުމަށާއި، މި ކޮންގްރެސް އަކީ ކާމިޔާބު ކޮންގްރެސް އަކަށް ހެދުމަށް އެމްއޭސީއެލް އިން އަންނަނީ ތައްޔާރުވަމުންނެވެ. މި ކޮންގްރެސް އޮންނާނީ އަންނަ އަހަރު ޖުލައިމަހުގެ ތެރޭގައެވެ.