English Edition
Dhivehi Edition

އެމްއޭސީއެލް ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އެމް.އޭ.ސީ.އެލް ސަރވިސް ރިކޮގްނިޝަން އެވޯޑު ދީފި އެވެ.

މި ހަފްލާގައި އެމްއޭސީއެލް އަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 41 މުވައްޒަފުންނާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 68 މުވައްޒަފުން އަދި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 16 މުވައްޒަފުންނަށް ވަނީ އެވޯޑު ދީފަ އެވެ. އަދި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 15 މުވައްޒަފުންނާއި 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވަފައިވާ 5 މުވައްޒަފުންނަށް ވެސް ޙިދުމަތުގެ އަގު ވަޒަން ކޮށް އެވޯޑު ވަނީ ދީފަ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މަހްޖޫބު ޝުޖާއު ވިދާޅުވީ، ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީއަށް ޝައުގުވެރިވެ ދާއިރާއަށް ނުކުންނަ ޒުވާނުން މަދު ނޫން ކަމާއި ޚިދުމަތުން އިންސްޕަޔަރ ވާ ކިތަންމެ ދަރިންނެއް މި މުޖުތަމައުގައި ތިބޭނެ ކަމަށެވެ. އަދި މިއީ ހަމައެކަނި އެމް.އޭ.ސީ.އެލްއަށް ކޮށްދެއްވާ ޚިދުމަތެއް ނޫން ކަމަށާއި ގައުމުގެ ޒުވާން ޖީލު ރަނގަޅު މަގަށް ގެންދިޔުމަށް ވެދޭ އެހީތެރިކަމެއް ކަމަށް ވެސް މަހްޖޫބު ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކަކީ އެއަރޕޯޓަށާއި ޚިދުމަތުގެ ރެކޯޑަށްވެސް އުފާވެރި ދުވަސްތަކެއް ފާހަގަކޮށް، އެއަރޕޯޓުގެ ޖާގަ އިތުރުވެ، ޚިދުމަތްތައް ފުޅާވެގެންދާއިރު، އެ މަސައްކަތުގައި ތަޖުރިބާއާއި ވިސްނުން ވަރަށް މުހިއްމު ވާނެ ކަން ވެސް މަހްޖޫބު ފާހަގަ ކުރެއްވި އެވެ.

އެއަރ ޓްރެވަލް ފަދަ ހަލަބޮލި އިންޑަސްޓްރީއެއްގައި ޚިދުމަތް ކުރުމުގައި ވިހި ތިރީހަކަށް އަހަރު ހޭދަ ކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އެމް.އޭ.ސީ.އެލްގެ ލެގަސީ އަކީ ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ކުންފުނިކަމުގައި ވުން ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އަދި މުވައްޒަފުން ކުންފުނީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ އެއް ސިއްރަކީ މުވައްޒަފުންނާއި މެދު ބަހައްޓާ ފަރުވާތެރިކަމާއި ގާތްކަން ކަމަށް ވެސް މަހްޖޫބު ވިދާޅުވި އެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ވަޒިފާދޭ އެއް ކުންފުންޏެވެ. 3500 އަށް ވުރެ ގިނަ މުވައްޒަފުން ކުންފުނީގެ އެކި ދާއިރާތަކުގައި ހީވާގިކަމާއި އެކު މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ލަބާއާއި މަންފާއަށް ކުންފުނިން އަބަދުވެސް އިސްކަންދޭއެވެ.