ރާއްޖެއިން ރެކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވެއްޖެ އެވެ. އެގޮތުން މިއަދު ޖުމްލަ 152 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް އިތުރު 89 ދިވެހިންނާއި، 54 ބަންގްލަދޭޝްގެ މީހުންގެ އިތުރުން އިންޑިއާގެ 05 މީހަކާއި ސްރީ ލަންކާގެ 04 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އިއްޔެވެސް 137 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3،719 އަށް އަރައިފައިވެ އެވެ. އޭގެ ތެރޭގައި 1،755 ދިވެހިން ހިމެނޭއިރު، ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝްގެ 1،573 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިހާތަނަށް ކޮވިޑް-19 އަށް ޓެސްޓްކުރުމަށް ޖުމްލަ 78،040 ސާމްޕަލް ނަގާފައިވާއިރު، މިވަގުތު ކަރަންޓީނުގައި އެއްވެސް މީހަކު ނެތެވެ. ނަމަވެސް އައިސޮލޭޝަން ފެސިލިޓީތަކުގައި 657 މީހުން އެބަތިއްބެވެ.