English Edition
Dhivehi Edition
ސްރީލަންކަންގެ ކާގޯ ފްލައިޓު ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ

ސްރީލަންކަން އެއަރލައިންސްއިން ދާދި ފަހުން ތައާރަފްކޮށްފައިވާ އެއަރލައިންގެ ކާގޯ ފްލައިޓުގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ. ސްރީލަންކަންގެ ކާގޯ އަށް ހާއްސަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރި ފުރަތަމަ ދަތުރު ފާހަގަކޮށް މަރުހަބާކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއް އަރުވައިފައެވެ.

މިހާތަނަށް ސްރީލަންކަން އެއަރލައިނުން ރާއްޖެއަަށް ކާގޯ ދަތުރުތައް ބާއްވަމުން އައިސްފައިވަނީ ފަސިންޖަރުން އުފުލުމަށް ބޭނުން ކުރާ ފްލައިޓުތަކެވެެ.

ސްރީލަންކަން އިން ކާގޯ އަށް ފްލައިޓެއް ހާއްސަކޮށް އެ ފްލައިޓުގެ އޮޕަރޭޝަންސްތައް ފެށީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. ޔޫރަޕަށާއި ފާ އީސްޓަށް އެއެއާލައިނުގެ އޭ330 ފްލައިޓުގެ ކާގޯ ދަތުރުތައް ގަވާއިދުން ބާއްވައެވެ.
\ސްރީލަންކަން އެއަރލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް އޭސް އޭވިއޭޝަންއިން ބުނީ މި ފްލައިޓު ރާއްޖެއަށް އައިސްފައިވަނީ 18 ޓަނުގެ މުދާ ހިފައިގެންކަމަށާއި އަންނަމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއަރލައިންސްގެ ކާގޯ ދަތުރުތަކުން ޔޫރަޕްގެ ޤައުމުތައް ކަމަށްވާ، ލަންޑަން، ޕެރިސް، ފްރެންކްފާޓު، މިލާން އާއި ރާއްޖެއާއި ގުޅާލާނެކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ފަސިންޖަރުންނާއި އެކު ކުރާ ދަތުރުތަކަށް ހުއްޓެމެއް އައުމާއި ގުޅިގެން ސްރީލަންކަންއިން ވަނީ ދުނިޔޭގެ އެކި ހިސާބުތަކަށް ކާގޯ ދަތުރުތައް ފަށާފައެވެ.