އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ލޮޓާރޯ މާޓިނޭޒް ގެނައުމަށްޓަކައި ސްޕެއިނުގެ ބާސެލޯނާ އިން އެ ޓީމުގެ ކުޅުންތެރިންތަކެއް ވިއްކާލަންޖެހޭ ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން، ސްޕެއިނުގެ ބައެއް ނޫސްތަކުން ބުނާގޮތުގައި މާޓިނޭޒްގެ ކޮންޓްރެކްޓް އުވާލުމަށްޓަކައި ދައްކަންޖެހޭ 111 މިލިއަން ޔޫރޯ ދެއްކުމަށްޓަކައި، ބަދަލުގައި ބާސެލޯނާގެ ފުލްބެކް ޖޫނިއާ ފިރްޕޯއާއެކު އިތުރު 70 މިލިއަން ޔޫރޯ ދިނުމަށް އިންޓަ އާއެކު އެއްބަސްވެފައިވާކަމަށެވެ.
އެހެންނަމަވެސް، މިހާރު މުޅި ދުނިޔެ އަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މާލީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ފައިނޭންޝިއަލް ފެއާ ޕްލޭގެ އުސޫލާ އެއްގޮތަށް އަމަލުކުރުމަށްޓަކައި ހޭދަކުރެވެން އޮތީ އެ ޓީމުގައި ތިބި ބައެއް ކުޅުންތެރިން ވިއްކާލައިގެންނެވެ.
އެހެންކަމުން، އެ ޓީމަށް ކުޅެމުން އަންނަ ފިލިއްޕޭ ކުޓީނިއޯ، އިވާން ރަކިޓިޗް، ޖީން-ކްލެއާ ޓޮޑީބޯ އާއި ރަފީނިއާގެ އިތުރުން މޫސާ ވޭގް އަކީ ކޮންމެހެން ވިއްކާލަންޖެހޭ ކުޅުންތެރިން ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން، މާޓިނޭޒް ގެނައުމުގެ ކުރީން އެ ޓީމުން ދާދިފަހުން ގެނައި ފޯވާޑް މާޓިން ބްރެއިތުވެއިޓު ވެސް ފަހަރެއްގައި ވިއްކާލަންޖެހިދާނެ ކަމަށް ވެއެވެ.
އުމުރުން 22 އަހަރުގެ މާޓިނޭޒަކީ ބާސެލޯނާ އިން އެ ޓީމުގެ ފޯވާޑްލައިންގައި ހިމެނޭ ލުއިސް ސުއަރޭޒްގެ ބަދަލުގައި ގެންދިއުމަށް އެންމެ ބޭނުންވާ ކުޅުންތެރިޔާ ކަމަށްވާއިރު، ބާސެލޯނާގައި ލިއޮނަލް މެސީއާ އެކު ކުޅެން ބޭނުންވާތީ މާޓިނޭޒް ވެސް ސްޕެއިނަށް ބަދަލުވާން ބޭނުންވާ ކަމަށް މީގެކުރީން ބައެއް ނޫސްތަކުން ވަނީ ހާމަކޮށްފައެވެ.
އާޖެންޓީނާގެ ރޭސިން ކްލަބުން 2018 ވަނަ އަހަރު 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށް އިންޓައާ ގުޅުނު މާޓިނޭޒް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅެދިން 79 މެޗުގައި 28 ލަނޑު ޖަހައިދީ، އިތުރު ހަތް ގޯލް ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މީގެ އިތުރުން، އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން އާޖެންޓީނާގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 17 މެޗުގައި ނުވަ ލަނޑު ޖަހައިދީފައެވެ.
މިހާތަނަށްއައިއިރު ބާސެލޯނާ އިން ވަނީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމު ވަރުގަދަކުރުމުގެ ގޮތުން ބްރެޒިލްގެ މިޑްފީލްޑަރު އާތޫރް މެލޯ ޔުވެންޓަސް އަށް ވިއްކާލުމަށްފަހު، އެ ޓީމުގެ ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ގެންނަން އެއްބަސްވެފައެވެ.