ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ އެއްގޮތަށް ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަން ވާނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޤަވާއިދުތަކާއި އުސޫލުތަކުގެ އިމުގެ ތެރެއިން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އީސީން ބުނީ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތައް ބާއްވަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، ޢާންމު ޞިއްޙާތު ރައްކާތެރިކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން އެޗްޕީއޭ އިން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް ކަމަށެވެ.
އީސީން މިހެން ބުނެފައިވާއިރު، އީސީގެ ނައިބު ރައީސް، އަޙްމަދު އަކްރަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ކޮވިޑް-19ގެ ޙާލަތު ގޯހުން ގޯހަށް ދާއިރު، ﷲގެ އިރާދަފުޅާއެކު މި ޙާލަތު ރަނގަޅު ކުރުމަށް އެންމެން އެކުގައި ތެދުވަންޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލަނބައި، އިންސާނީ ކަރާމާތާއި ސަލާމަތަށް އިސްކަންދީގެން ކަމުގައިވެސް އަކްރަމް ވިދާޅުވެފައި ވެއެވެ.
އަކްރަމް މިހެން ވިދާޅުވެފައިވާއިރު އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާ ކަމަށް ބުނެ ސަރުކާރުން އުޅެނީ ބިރު ދައްކަން ކަމަށާއި ހައްޖު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު މުޒާހަރާތައް ކުރިއަށް ގެންދާނެކަމަށެވެ.