English Edition
Dhivehi Edition
މާލޭ ނޯތު ހާބަރުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: އަސަދްސް ފޮޓޯގްރަފީ އެންޑް ޕާސަނަލް ބްލޮގް

ކަނޑުގައި ދުއްވާ ލޯކަލް އުޅަނދުފަަހަރުގެ ސަލާމަތީ ސެޓްފިކެޓް އަދި ލައިސަންސްގެ މުއްދަތު އިތުރުކޮށްދީފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ސެޓްފިކެޓްތަކުގެ މުއްދަތު 31 އޯގަސްޓް 2020 ގެ ނިޔަލަށް އިތުރު ކޮށްދީފައިވާ ކަމަށެވެ.

މީގެ އިތުރުން މިގޮތަށް ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށް ދިންކަމުގައި ވީނަމަވެސް އުޅަނދުފަހަރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ހުރުމަށް ލާޒިމްކުރާ ތަކެއްޗާއި ކަންކަން ހަމަޖެއްސުމަށްފަހު އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް އުޅަނދުފަހަރު އޮޕަރޭޓުކުރާ ފަރާތްތަކަށާއި އުޅަނދުފަހަރުގެ ވެރިންނަށާއި އަދި އުޅަނދުފަހަރު ދުއްވާ ކެޕްޓަނުން ޔަގީން ކުރުމަށް ފަހު އުޅަނދު ފަހަރުގެ ދަތުރަށް ފެށުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި 31 އޯގަސްޓް 2020 ކުރިން މުއްދަތު ހަމަވެފައިވާ ސަލާމަތާބެހޭ ސެޓުފިކެޓްތައް އައުކުރުމަށް ހުށަހެޅުމަށްވެސް އެ އޮތޯރިޓީން ވަނީ އަންގައިފަ އެވެ.

އެ އިޢުލާނުގައި އިތުރަށް ބުނެފައި ވަނީ އަލަށް އުޅަނދެއް ރަޖިސްޓަރީކޮށް 12 މާރިޗު 2020 ގެ ފަހުން 30 ދުވަހުގެ މުއްދަތު ހަމަވެފައިވާ އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓް 31 އޯގަސްޓް 2020 ގެ ކުރިން ސަލާމަތީ ސެޓްފިކެޓް ހެދުމަށް ނުވަތަ އެ އުޅަނދަކީ އޮޕަރޭޓް ނުކުރާ އުޅަނދެއްކަން ބަޔާންކޮށް ރަށްރަށުގެ ރަށު ކައުންސިލްތަކުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ލިޔުން ހޯދައިފިނަމަ އެ އުޅަނދެއް ޖޫރިމަނާ ނުކުރާ ގޮތަށްވެސް ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ލައިސަންސްގެ މުއްދަތު 01 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން މުއްދަތު ހަމަވެފައިވީނަމަވެސް އެ ލައިސަންސްގެ މުއްދަތު 31 އޯގަސްޓް 2020 ގެ ނިޔަލަށް އިތުރުކޮށްދީ، 31 އޯގަސްޓް 2020 ކުރިން މުއްދަތު ހަމަވެފައިވާ ލައިސަންސްތައް އައުކުރުމަށް ހުށަހެޅުމަށްވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.