English Edition
Dhivehi Edition
މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވަރޗުއަލްކޮށް ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ މުޚާތަބުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19ގެ ސަބަބުން އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިވަޑައިގެންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށް 55 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އިންތިޒާމުކޮށްގެން ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއި ޑިޕްލޮމެޓުންނަށް ޚާއްޞަކޮށްގެން ވަރޗުއަލްކޮށް ބޭއްވި ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރާއިރު ރާއްޖެއާއި އަދި މުޅި ދުނިޔެވެސް މިއަދު އޮތީ ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި އުނދަގޫ ޙާލަތެއްގައިކަން ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 ގެ ސަބަބުން އިޖްތިމާޢީ އަދި އިޤްތިޞާދީ ކަންކަމަށް ބުރޫއަރައި، އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވިއެވެ. އެގޮތުން ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމެއް ނަމަވެސް ދުވަސްތަކެއް ވަންދެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި، ގްރެއިޓަރ މާލޭ އޭރިއާ ލޮކްޑައުންކުރަން ޖެހުންފަދަ ނިންމުންތައް ނިންމަން ޖެހުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

‎ކޮވިޑް-19 އާއި ކުރިމަތިލައި މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން ދުރާލާ އަޅުއްވަމުން ގެންދެވި ފިޔަވަޅުތަކުގެ ސަބަބުން ކޯވިޑް އަށްފަހު އަލުން އައު ޢާންމު ޙާލަތަށް ޤައުމުގެ ކަންކަން ރުޖޫޢަވަމުން އަންނަކަމަށާއި، އަދި ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އަދިވެސް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީއާއި އެއްބާރުލުން ރާއްޖެއަށް ލިބެމުންދިއުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރަން މަގުފަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ކަންކަން އިންތިޒާމުވެފައިވާ ގޮތްތަކާއި އަދި އަޅާފައިވާ ފިޔަވަޅުތަކާއި ބެހޭ މަޢޫލޫމާތު ވެސް ޙިއްޞާކުރައްވާފައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ މުޖުމަތަޢާއި ގުޅިގެން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއިން މަސައްކަތްކުރަމުން ގެންދާނެކަމަށާއި، އަދި ވަކިން ޚާއްޞަކޮށް ކޮވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުން ގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ، ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަވެސް ވަޢުދުވެ ވަޑައިގެންނެވި ގޮތަށް، ރާއްޖެއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ މިންގަނޑުތަކަށް އިޙްތިރާމުކުރާ، ހުރިހާ ޤައުމަކާއި ވެސް ގުޅިގެން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.