English Edition
Dhivehi Edition
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް. --ފޮޓޯ: އޭއެފްޕީ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަކީ މުޅި ދުނިޔެއަށް މިހާތަނަށް ސިއްހީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިިއްޔާ، ޑަބްލިއުއެޗް އިން ބުނެފިއެވެ.

އެގޮތުން، މިހާތަނަށް މިބައްޔަށް މުޅި ދުނިޔޭން 16 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، 650،000 އެއްހާ މީހުން މަރުވެފައިވާއިރު، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ މިއީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިމާޖެންސީ ކަމަށާއި، މިކަމުން އަރައިގަތުމަށްޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން މާސްކު އެޅުމާއި މީހުން އެއްވާ ތަންތަނަށް ނުދިއުމަކީ ކުރެވޭނެ އެންމެ މުހިއްމު ކަންތައްތައްކަމަށެވެ.

“ކޮވިޑް-19އާ ގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކުގެ ހާލަތު މިދަނީ ރަނގަޅުވަމުން. އެކަމަކު، މި އުސޫލުތައް ނުހިފަހައްޓާ ތަންތަނުގެ ހާލަތު މިދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުން.” ކެނެޑާގެ އިތުރުން ޗައިނާ އާއި ޖަރުމަނު އަދި ދެކުނު ކޮރެއާ އިން ކޮވިޑް-19އާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް ތައުރީފްކޮށް އެކަން ފާހަގަކުރަމުން ޓެޑްރޯސް ވިދާޅުވިއެވެ.

މިހާރު މުޅި ދުނިޔޭގައި މިބަލީގެ ހާލަތު އެންމެ ގޯސްކޮށް އުޅެނީ އެމެރިކާ އާއި ބްރެޒިލް އަދި އިންޑިއާގައެވެ. އެގޮތުން، އެމެރިކާ އިން އެކަނިވެސް 4.37 މިލިއަން މީހުން މިބައްޔަށް ޕޮޒިޓިވްވެ، 150،000 އެއްހާ މީހުން ވަނީ މަރުވެފައެވެ. ދެވަނަ އަށް އެންމެ ހާލަތު ގޯސް ބްރެޒިލުން 2.4 މިލިއަން މީހުން ޕޮޒިޓިވްވެ، 87،052 މީހުން ވަނީ މަރުވިއިރު، ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮތް އިންޑިއާ އިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1.4 މިލިއަނަށްވުރެ އިތުރުވެފައެވެ. އަދި މި ބަލީގައި އެ ގައުމުން 33،111 އެއްހާ މީހުން ވަނީ މަރުވެފައެވެ.