English Edition
Dhivehi Edition
ރޭގެ މެޗަށްފަހު ޔުވެންޓަސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޔުވެންޓަސް.ކޮމް

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި 2-0 އިން ސަމްޕްޑޯރިއާ ބަލިކޮށް ޔުވެންޓަސް އިން ވިދިވިދިގެން ނުވަވަނަ ފަހަރަށް ލީގު ކާމިޔާބުކޮށްފިއެވެ. މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި 36 ވަނަ ފަހަރެވެ.

ލީގުގައި އަދި ބާކީ ދެ މެޗު އޮއްވާ ޔުވެންޓަސް އިން ޗެމްޕިއަންކަން ކަށަވަރުކުރީ 36 މެޗުން 83 ޕޮއިންޓް ހަމަކޮށްގެންނެވެ. އެ ޓީމާ ތައްޓަށް އެންމެ ގާތުން ވާދަކުރަމުން އަންނަ އިންޓަ މިލާނަށް ލިބިފައިވަނީ 76 ޕޮއިންޓެވެ. އެހެންކަމުން، ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށްގެންވެސް އިންޓަ އަށް ތަށި ލިބޭނެގޮތެއް ނެތެވެ. ތާވަލްގެ ތިންވަނައިގައި އޮތް އެޓަލާންޓާ އާއި ހަތަރުވަނައިގައި އޮތް ލާޒިއޯ އަށް ލިބިފައިވަނީ 75 ޕޮއިންޓެވެ. އެޓަލާންޓާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.

ޔުވެންޓަސްގެ އެލިއާންޒް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އެ ޓީމަށް ލީޑްނަގައިދިނީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ލީގުގައި އޭނާ ޖެހި 31 ވަނަ ގޯލެވެ. އަދި މި ސީޒަނުގައި މިހާތަނަށް ޔުވެންޓަސް އަށް ކުޅުނު 44 މެޗުގައި ކާމިޔާބުކުރި 35 ވަނަ ގޯލެވެ.

ރޭގެ މެޗުގައި ޔުވެންޓަސް އިން ޖެހި ދެވަނަ ލަނޑު، މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފެޑެރީކޯ ބާނަޑެސްކީ އެވެ. އޭގެފަހުން، މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް ސަމްޕްޑޯރިއާގެ މޯޓެން ތޯސްބީ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ފެޑެރީކޯ ބާނަޑެސްކީ (ކ) ސަމްޕްޑޯރިއާ ކޮޅަށް އެ ޓީމުގެ ދެވަނަ ލަނޑު ވައްދާލަނީ. –ފޮޓޯ: ޔުވެންޓަސް.ކޮމް

މި ފަހަރުގެ ލީގު ޔުވެންޓަސް އިން ކާމިޔާބުކުރުމާއެކު މިއީ އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީގެ ކެރިއަރުގައި ހޯދި ފުރަތަމަ ތައްޓެވެ. މީގެކުރީން، ޗެލްސީ އާއި ނަޕޯލީ ފަދަ ކްލަބުތަކުގައި ސާރީ އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. އަދި މި ސީޒަނުގައި ޔުވެންޓަސް އާއެކު ސާރީ ނިކުތް ފުރަތަމަ ފައިނަލްގައި އިޓާލިއަން ކަޕްގައި ނަޕޯލީ އަތުން ވަނީ ބަލިވެފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ހެލަސް ވެރޯނާ އަތުން ރަށުން ބޭރުގައި 5-1 އިން ލާޒިއޯ މޮޅުވިއިރު އެ ޓީމުގެ ފޯވާޑް ޗީރޯ އިމޯބިލޭ ވަނީ ހެޓްރިކް ހަދާފައެވެ. މިއާއެކު ލީގުގެ އިތުރުން ޔޫރަޕުގެ ގޯލްޑެން ބޫޓަށް ވާދަކުރަމުން އަންނަ އިމޯބިލޭ ވަނީ ލީގުގައި 34 ލަނޑުޖަހާފައެވެ.

އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން 2-1 އިން އޭއެސް ރޯމާ މޮޅުވިއިރު، ކަލިއާރީ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އުދިނޭޒީ އަތުން ބަލިވެފައެވެ. ސްޕަލްއާ ޓޮރީނޯ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.