English Edition
Dhivehi Edition

ރާއްޖޭގެ މިނިވަން ކަމަށް ބުރު އަރާނެ އެއްވެސް ކަމަކަށް, މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ “ފަލަސުރުޚީ” ޕްރޮގްރާމްގައި މާރިޔާ ވިދާޅުވީ އްޖެއަކީ އަބަދުވެސް ޑިޕްލޮމަސީގެ އުސޫލާ އެއްގޮތަށް، ބޭރުގެ ގައުމުތަކާ ވާހަކަ ދައްކައިގެން، ކަންކަން ހައްލު ކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ލޮޅުމެއް އަރާފަދަ އެއްވެސް ކަމެއް ރައީސް ސޯލިހްގެ ސަރުކާރުން ނުކުރުއްވާނެ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާ ގޮތަށް ބޭރު ބަޔަކަށް ރާއްޖެ ވިއްކާލުން ފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ދައްކަނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ނަފުރަތު އުފެއްދުމުގެ ބޭނުމުގައިކަން ފާހަގަކުރައްވަމުން މާރިޔާވަނީ ބޭރުގެ ބާރުތަކުގެ އަތްދަށަށް ރާއްޖެ ގެންދަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ،

މީގެއިތުރުން މާރިއާ ވިދާޅުވީ މިނިވަންކަމަށް އަސަރު ކޮށްފާނެ ހާލަތްތަކަށް ދިވެހި އަސްކަރިއްޔާ ތައްޔާރަށް އޮތް ކަމަށާއި ޑިޕްލޮމަސީ ވަރުގަދަކޮށް ގައުމުތަކާ ގުޅުން ބަދަހިވާން ކުރާ މަސައްކަތްތަކުގެ ސަބަބުން ވެސް ބޭރުން އައިސްދާނެ ހަމަލާތަކަކަށް ދިފާއު ވެވޭނެ ކަމަށެވެ. މިގޮތުން ބޭރުގެ ގައުމުތަކުން ދޭ އެހީގެ ސަބަބުން ރާއްޖޭގެ ސަރަޙައްދުގައި ހިނގާ ކަނޑުފޭރުމާއި، ސްމަގްލިން އާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ޖަރީމާތައް ހިނގާ ނުހިނގާ ގޮތް ބަލައި، އެކަން ހުއްޓުވުމަށް މެދުވެރިވުމަކީއެފަދަ ވިޔަފާރިތަކުން ފައިދާވާ ފަރާތްތަކަށް އެހާ ހިތްފަސޭހަ ކަމަކަށް ނުވާނެކަމަށް މާރިޔާ ވިދާޅުވިއެވެ.

ރާއްޖޭގައި މި ވަގުތު ބޮޑުވެފައިވާ ބިދޭސީންގެ ހަމަނުޖެހުމުގެ މައްސަލައަށާއި ކަންކަމުގައި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލައަށް އަލިއަޅުވަމުން މާރިޔާ ވިދާޅުވީ އިންސާނީ ވަގުފާރިއަކީ ހަމައެކަނި މުސާރަ ނުދިނުން އޭގައި ހިމެނޭ ކަމެއް ނޫން ކަމަށާއި، އެއީ އޭގައި މަޖުބޫރުކުރުމާއި ނާޖާއިޒު ފައިދާ ނެގުން ހިމެނޭ ބޮޑު އަދި ސީރިއަސް ކުށެއްކަމަށެވެ.