English Edition
Dhivehi Edition
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް-ފޮޓޯ: ރައީސް އޮފީސް

ދިވެހި ސިފައިންގެ ބޯހިޔާވަހިކަމަށް މި އަހަރުގެ ތެރޭގައި ހުޅުމާލެ އާއި މާލޭގައި އިތުރު މަޝްރޫއުތަކެއް ފެށުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ،

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ މި ވަގުތު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ އެއް މަސައްކަތަކީ ސިފައިންގެ ބޯހިޔާވަހިކަމުގެ މަސައްކަތް ކަމަށެވެ.

ސިފައިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސާ، ކަޅުތުއްކަލާ ކޮށީގައި އިމާރާތްތަކެއް ބިނާކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވަނީ އެކަމުގެ ތަފްސީލްތައް ހާމަކުރައްވާފައެވެ. މި ގޮތުން ރައީސް ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި 138 ޔުނިޓްގެ ފްލެޓް އިމާރާތެއް ބިނާކުރަން ނިންމާފައިވާކަމަށެވެ. އަދި އެ އިމާރާތުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާ 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް މި އަހަރު ތެރޭގައި ބިޑް ކުރެވިގެން ދާނެކަމަށެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާ އިމާރާތްތަކުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވުމަށްފަހު، އެ އިމާރާތްތައް ނިންމުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ.