ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާއެކު، ގެސްޓްހައުސްތައް ހުޅުވުން ލަސްވުމަކީ އިންޑަސްޓްރީގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެއް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފިއެވެ.
ގޭމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މީގެ ކުރިން ސަރުކާރުން އަންމުކޮށްފައިވާ ގައިޑްލައިންގައި އޮތްގޮތުން ގެސްޓްހައުސްތައް ހުޅުވާނެ ވަގުތީ ތާރީހެއްގެ ގޮތުގައި އޮތީ އޮގަސްޓު އެއްވަނަ ދުވަސް ކަމަށް ވިޔަސް މިހާރު ގެސްޓްހައުސްތައް ހުޅުވުން ވަނީ ސެޕްޓެމްބަރަށް ފަސްކޮށްފައިވާ ކަމަށެވެ.
ގޭމް އިން ބުނީ ކުއްލިގޮތަކަށް ސަރުކާރުގެ ވިސްނުން ބަދަލުކޮށް ގެސްޓްހައުސްތައް އޮގަސްޓްމަހު ނުހުޅުވާ ގޮތަށް ކަމަށާއި ހުޅުވޭނެކަމަށް ލަފާކުރެވެނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވުމަކީ މުޅި ގެސްޓްހައުސް ސިނާއަތަށް ތަކުލީފްތަކެއް ކުރުމަތިކުރިވި ކަމެކެވެ.
އެ ޖަމިއްޔާއިން ބުނީ އޮގަސްޓު އެކެއްގައި ގެސްޓްހައުސްތައް ހުޅުވޭނެ ކަމަށް ޓޫރިޒަމްގެ އެސްއޯޕީގައި އޮވެ، އަދި އެ އެސްއޯޕީ އެކުލަވާލުމުގައި އެ ޖަމިއްޔާއާއެކުވެސް މަސައްކަތްކޮށްފައިވާތީ އެސްއޯޕީގައި ވާގޮތަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވި، ރިސޯޓުތަކާއި ސަފާރީތައް އޮޕަރޭޝަނަށް ގެނެވިފައިވާތިއްޔާއި އެމްއެމްޕީއާރުސީގެ މާކެޓިން މެޓީރިއަލްތަކުގައިވެސް ގެސްޓްހައުސްތަކުގެ ބުކިން ނަގަން ފަށާނީ އޮގަސްޓު އެކަކުން ކަމުގައި އޮތުމާއެކު ގެސްޓްހައުސްތަކުން ދަނީ ބުކިންތައް ނަގަމުން ކަމަށްވެސް އެ ބަޔާނުގައި ބުނެވިފައިވެއެވެ.
އެ ބަޔާނުގައި ބުނީ ލޯކަލް ޓޫރިޒަމް ވިޔަފާރިއަކީ ރާއްޖޭގައި ވަރަށް ބޮޑަށް ފުޅާވެފައިވާ ވިޔަފާރިއެއް ކަމަށާއި ގިނަ އެހެނިހެން
ކުދި ވިޔަފާރިތަކެއްވެސް މިހިދުމަތުގައި ބައިވެރިވާއިރު ރިސޯޓުތަކާއި ސަފާރީތަކަށް ހިދުމަތް ފެށުމުގެ ހުއްދަ ދިނުމާއި، ސްޕާއާއި
ޖިމް އަދި ރެސްޓޯރަންޓް ފަދަ މީހުން ގައިގޯޅިކޮށް އުޅޭ ތަންތަނަށްވެސް ހުއްދަ ދެވިފައި ހަމައެކަނި ގެސްޓްހައުސް ފަދަ
ބޮޑު ސިނާއަތެއްގެ މަސައްކަތް ފަށާނެ ވަކި ތާރީހެއް ނޭގި ތިބެންޖެހުމަކީ މި ސިނާއަތް ނެތިދިއުމުގެ ބިރުއޮތް ކަމެއްކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ހެލްތު މިނިސްޓަރ އަމީން ވިދާޅުވެފައިވަނީ މިހާރުގެ ހިސާބުތަކާއި އަދަދުތަކާއި ނުވަތަ މިހާރު ބަލި ފެތުރޭ ނިސްބަތާއި އަތޮޅުތެރޭގައި ބަލީގެ އަލާމާތްތައް ފެންނަމުންދާ ގޮތަށް ބަލާއިރު މިހާރު ލަފާކުރެވެނީ ގެސްޓްހައުތައް ހުޅުވޭނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައި ކަމަށެވެ.