މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން މަގާމުން އިސްތިއުފާ ދިނުން އިތުރަށް ލަސްކުރަންޖެހިދާނެކަމަށް ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ލޫންގް ވިދާޅުވެއްޖެއެވެ.
މިހާރު އުމުރުން 68 އަހަރުގެ ލީ ނިންމަވާފައިވަނީ 70 ވަނަ އުފަންދުވަސް ފާހަގަކުރެއްވުމުގެ ކުރީން މަގާމުން އިސްތިއުފާ ދެއްވުމަށް ކަމަށާއި، މިހާރު އެ ގައުމުގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތަށް ބަލާއިރު އެކަން އެގޮތަށް ކުރެވެން ނެތް ކަމަށާއި، މިހާރުގެ ހާލަތު ރަނގަޅުވުމުން ނޫނީ އެގޮތަށް ނިންމެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
“ކުރީން އަހަރެން އުއްމީދު ކުރީ 70 ވަނަ އުފަންދުވަހުގެ ކުރީން މަގާމުން އިސްތިއުފާ ދޭން. އެކަމަކު، މިހާރު ކޮވިޑް-19ގެ ހަލާތުން އެއްކޮށް އަރައިގަތުމުން މެނުވީ އެކަން އެގޮތަށް ކުރެވޭކަށް ނެތް.” މިއަދު މިދެކޭ ސިންގަޕޫރުގެ ބާނީ ލީ ކުއާން ޔޫގެ ދަރިކަލުން ލީ ވިދާޅުވިއެވެ.
ދެކުނު އިރުމަތީ އޭޝިޔާ އަށް ނިސްބަތްވާ ސިންގަޕޫރު ހިމެނެނީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އިންތިހާބު ބޭއްވި މަދު ގައުމުތަކުގެ ތެރޭގައެވެ. އެގޮތުން، އެ ގައުމުގައި މި ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވުނު އިންތިހާބު ކާމިޔާބުކުރީ މިހާރުވެސް ވެރިކަން ކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިންނެވެ. 1965 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ވެރިކަންކުރާ ޕީއޭޕީ އަށް މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރެވުނީ ވަރަށް ކުޑަ ތަފާތަކުންނެވެ.
މިހާރު މުޅި ދުނިޔޭން 16 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 644،679 އެއްހާ މީހުން މަރުވެފައިވާއިރު، ސިންގަޕޫރުން ވެސް ގާތްގަނޑަކަށް 50 ހާހެއްހާ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެ ގައުމުން މިބަލީގައި މިހާތަނަށް މަރުވެފައިވަނީ 27 މީހުންނެވެ.