English Edition
Dhivehi Edition
އެމްއެމްސީގެ މެމްބަރުކަމުގެ ދައުރު ހަމަވާ ޝާފިއު

މޯލްޑިވްސް މީޑިޔާ ކައުންސިލު (އެމްއެމްސީ) ގެ މެމްބަރެއްގެ ދައުރު ހަމަވާތީ އެމްއެމްސީ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

މެމްބަރުކަމުގެ ދައުރު ހަމަވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ، ހޮވިވަޑައިގެންފައިވާ މެމްބަރެއް ކަމުގައިވާ މުހައްމަދު ޝާފިއުގެ އެވެ.

2021 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަަ ދުވަހު އެމްއެމްސީއަށް އައްޔަނު ކުރެއްވި ޝާފިއުގެ މެމްބަރުކަމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހަށެވެ.

ހޯމް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ޤާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ކައުންސިލުގެ މީޑިއާގެ މެމްބަރެއްގެ މަގާމު 10 ސެޕްޓެމްބަރ 2023 ވާ އާދީއްތަ ދުވަހަށް ހުސްވާތީ، އެ މަގާމަށް މެންބަރަކު ހޮވުމަށް ބޭނުންވާ ކަމަށެވެ. އަދި ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރު ކަމަށާއި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެ ކަމަށެވެ.

ކައުންސިލުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި ދިވެހިރައްޔިތަކު ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމާއި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުމާއި ފާއިތުވެދިޔަ 12 މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ހިމެނެއެވެ.

ދިވެހިސަރުކާރުގެ ގެޒެޓުގައި ހޯމް މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނުގައި ބުނެފައިވަނީ މީޑިއާ ކައުންސިލުގެ މީޑިއާގެ މެންބަރުކަމަށް އެދޭ މީޑިއާތަކުން 13 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީގެ ވެބްސައިޓްގައިވާ، “ޖަދުވަލު 1: މީޑިއާ ކައުންސިލް އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު” އަދި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި : (އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީ، ކުށުގެ ރެކޯޑް (މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޯޓުތަކުން) އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯ) މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ އީމެއިލް: [email protected] އަށް ހުށަހެޅުއްވުން އެދޭ ކަމަށެވެ. އަދި ހުށަހަޅާ ހުރިހާ ލިޔެކިޔުމެއް ވެސް ހުންނަންވާނީ ޕީ.ޑީ.އެފް ފޯމެޓަށް ކަމަށެވެ.