ކޮވިޑް-19 އަށް ފަރުވާދިނުމަށް އަތޮޅުތަކުގެ ތެރޭގައި ގާއިމްކުރާ ފެސިލިޓީތަކުގެ ތެރެއިން އައްޑޫގައި ހަދާފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް ހުޅުވުން މިރެއަށް ހަަމަޖެހިފައިވާ ކަމަށް އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރ ޝަރަފުއް ސާދާތު ވިދާޅުވެއްޖެއެވެ.
ކުރީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހުރި އިމާރާތް ތަރައްގީކޮށް ކޮވިޑް 19 އަށް ފަރުވާ ދޭ ޚާއްޞަ ފެސިލިޓީއެއްގެ ގޮތުގައި ހުޅުވާއިރު އައްޑޫގައި ހުންނަ ފުލޫ ކުލިނިކް ވެސް ހުންނަނީ މި އިމާރާތުގައެވެ.
އަތޮޅުތެރޭގެ ފަސް ސަރަހައްދެއްގައި ކޮވިޑް-19 އަށް ފަރުވާދެވޭނެ ފެސިލިޓީތައް ވަނީ ގާއިމްކޮށްފަ އެވެ. އެއީ ލ. ގަމާއި ގއ. ވިލިނގިލީގެ އިތުރުން ށ. ފުނަދު އާއި ބ. އޭދަފުއްޓާއި އައްޑޫ އެވެ.
މީގެ ތެރެއިން އައްޑޫ ފިޔަވައި އެހެން ސަރަހައްދުތަކުގައި މި ފެސިލިޓީ ތައް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްގެން ފުރަތަމަ ފެސިލިޓީއެއް ގާއިމް ކުރީ ހުޅުމާލޭގައެވެ. ގާތްގަނޑަކަށް 300 އެއްހާ މީހުންގެ ޖާގައިގެ އެ ފެސިލީޓީގައި އަށް ފަހު ދެން އެންމެ ބޮޑު ފެސިލިޓީ ހުޅުވަނީ އައްޑޫގައި ކަމަށް ވެސް ސާދާތު ވަނީ ވިދާޅުވެފައެވެ.
ރާއްޖެ ހިމެނިފައި ވަނީ ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޓެސްޓު ކުރަން ވެސް ފެށި ގައުމުތަކުގެ ތެރޭގަ އެވެ. އެއީ ވެސް ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުން ސަރުކާރުން ފުޅާކުރަމުން އަންނައިރު، ޑަބްލިއުއެޗްއޯ އިން ވަނީ އެކި ފަހަރު މަތިން ޓެސްޓު ކިޓާއި އެހެނިހެން އެހީތެރިކަން ދީފަ އެވެ،