English Edition
Dhivehi Edition

ލިޔުނީ: އަހްމަދު ވަހީދު

މަޝްހޫރު ވީޑިއޯ އެޕްލިކޭޝަން ‘ޓިކްޓޮކް’ ޕާކިސްތާނުގައި މަނާކުރަންޖެހިދާނެކަމުގެ އިންޒާރު އެޤައުމުގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީން ދީފިއެވެ. ޓިކްޓޮކުގައި ޢާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު އަޑުތަކާއި މަންޒަރުތައް ހިމެނޭތީ، މިކަމަށް ހައްލެއް ގެނައުމަށް އެންމެފަހުގެ އިންޒާރުދީ ޓިކްޓޮކަށް ޕީ.ޓީ.އޭ އިން އިއްޔެ ނޯޓިސް ފޮނުވާފައި ވާއިރު، ވަގުތުން ވީޑިއޯ ސްޓްރީމްކުރެވޭ އެހެން އެޕްލިކޭޝަނެއް ކަމަށްވާ ‘ބީގޯ ލައިވް’ ވަނީ މިހާރު ޕާކިސްތާނުގައި އެއްކޮށް މަނާކުރެވިފައެވެ.

މީގެކުރިންވެސް ޓިކްޓޮކަށާއި، ބީގޯ ލައިވްއަށް ނޯޓިސް ދެވިފައިވާކަމަށާއި އެހެންނަމަވެސް ޓިކްޓޮކާއި، ބީގޯލައިވުންވެސް އެދެވޭ ޖަވާބެއް ލިބިފައިނުވާކަމަށް ޕީ.ޓީ.އޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. ޕާކިސްތާން ނޫނަސް، އިންޑިއާ، އެމެރިކާ އަދި އޮސްޓްރޭލިއާގައިވެސް ޓިކްޓޮކް ވަނީ ހޫނުފެނުގައެވެ. ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މަޢުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތާއި ޤައުމުތަކަށް ޖާސޫސުކުރަންވެސް ޓިކްޓޮކްގެ ބޭނުންކުރާކަމުގެ އަޑުތައް މިދުވަސްވަރު ވަނީ ގަދަވެފައެވެ.

މިކަމާއި ގުޅިގެން ރޮއިޓާސްއަށް މައުލޫމާތުދެމުން ޓިކްޓޮކް ހިންގާ ‘ބައިޓްޑާންސް’ ކުންފުނިން ބުނެފައިވަނީ ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް އެފަރާތުން މިހާރުވެސް ޚާއްސަ ސަމާލުކަމެއް ދޭކަމަށެވެ. އަދި ޤައުމުތަކާއިއެކު މަޝްވަރާއަށް އަބަދުވެސް ހުޅުވާލެވިފައިވާނެކަމަށްވެސް ބައިޓްޑާންސުން މައުލޫމާތުދީފައިވެއެވެ