English Edition
Dhivehi Edition

ޕާކިސްތާނުގެ 82 ވަނަ ގައުމީ ދުވަސް މާލޭގައި ފާހަގަކޮށްފިއެވެ.

މާލޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚުތާރު ވަނީ އެގައުމުގެ ދިދަ ނަންގަވައިދެއްވާފައެވެ.

ރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނުގެ ގިނަ އަދަދެއްގެ މީހުންނާއި ދިވެހިން ވެސް މި ރަސްމިއްޔާތުގައި ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްގަރުނައިން އަޙުމަދު ވަނީ ޕާކިސްތާން ދުވަހުގެ ތަހުނިޔާ އެގައުމުގެ ރައްޔިތުންނަށާއި ދިވެހިންނަށް ވިދާޅުވެފައެވެ.

މިއަހަރު ޕާކިސްތާން ދުވަސް ފާހަގަކުރަނީ އެގައުމުގެ 75 ވަނަ މިނިވަން ދުވަސް ފާހަގަކުރަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޕާކިސްތާނުން މިނިވަންކަން ފާހަގަކުރާއިރު، ކަޝްމީރުގެ ރައްޔިތުންގެ ހާލަތު ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

“ކަޝްމީރުގެ ރައްޔިތުން، އެ ސަރަހައްދާ ބެހޭ ގޮތުން އަމިއްލައަށް ގޮތް ނިންމުމުގެ ޙައްޤު ހޯދަން މަސައްކަތް ކުރާތާ މިހާރު 73 އަހަރަށް ވުރެ ދިގު މުއްދަތެއްވެއްޖެ. ކަޝްމީރުގެ ރައްޔިތުން ބޭނުންވާ ގޮތަށް އަދި ޔޫއެންއެސްސީގެ ގަރާރުތަކުގައިވާ ގޮތުގެ މަތިން ކަޝްމީރުގެ އަޚުންނާއި އުޚްތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ޙައްޤު ލިބެންދެން އަޅުގަނޑުމެން އެމީހުންނާއެކު ސާބިތުވެ ތިބޭނަން،” ޒުލްގަރުނައިން ވިދާޅުވިއެވެ.

މިނިވަން މުސްލިމް ދައުލަތެއް އުފެއްދުމަށް، ބްރިޓިޝް އިންޑިއާގެ މުސްލިމުން އެއްބައިވަންތަކުރުވި ހަރަކާތުގައި އިސްކޮށް ތިއްބެވި ލީޑަރުންނާއި ޕާކިސްތާނުގެ ބައްޕަގެ ލަގަބު ދީފައިވާ މުޙައްމަދު ޢަލީ ޖިނާހުގެ ހަނދާން އައު ކުރައްވާ ހައި ކޮމިޝަނަރު މުޚުތާރު ވިދާޅުވީ އެ ހަރަކާތުގެ ސަބަބުން އޮގަސްޓު 14، 1947ގައި ދުނިޔޭގެ ޗާޓަށް ޕާކިސްތާން އިތުރުވި ކަމަށާއި އެހެންކަމުން މިއަދަކީ ޕާކިސްތާނުގެ ބާނީ މުޙައްމަދު އަލީ ޖިނާހު މި ގައުމު ބިނާ ކުރެއްވި ބިންގަލުގެ އުސޫލުތަކުގައި އިތުރަށް ސާބިތުވާންވީ ދުވަހެއް ކަމަށެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް މިވަގުތު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެ ސެޝަން ޕާކިސްތާނުގައި ބޭއްވުމަކީ އެގައުމަށް ލިބުނު ޝަރަފެއް ކަމަށެވެ. އަދި އިސްލާމީ ގައުމުތަކުގެ ފޮރިން މިނިސްޓަރުން، ޕާކިސްތާނުގެ މިނިވަން ދުވަހާ ދިމާކޮށް އެގައުމުގައި ބައްދަލުކުރުމަކީ އެގައުމުތަކުން ޕާކިސްތާނާއެކު އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައެވެ.

“އޯއައިސީއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިންޓަގަވަމެންޓަލް ޖަމުޢިއްޔާ. އެއީ އިސްލާމީ ދުނިޔެ ތަމްސީލުކޮށްދޭ ޖަމުޢިއްޔާއެއް. އޯއައިސީން ފަލަސްތީނާއި ކަޝްމީރުގެ ރައްޔިތުން މިނިވަން ކަމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެމުންދާން ޖެހޭ.” މުޚްތާރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ މާޗު މަހުގެ 23 ގައި އެ ދުވަސް ފާހަގަ ކުރަނީ، 1956ގައި ޕާކިސްތާން އިސްލާމީ ޖުމްހޫރިއްޔާއަކަށް ބަދަލުވެ، އެގައުމުގެ ފުރަތަމަ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށި ދުވަސް ހަނދާންއާކުރުމުގެ ގޮތުންނެވެ.