English Edition
Dhivehi Edition

ޕާކިސްތާނުގެ 75 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކޮށްފިއެވެ.

މިއަދު ފާހަގަކުރާ މި ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް މާލޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ވަނީ ޚާއްސަ ހަފުލާއެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނެގުމާއި ގައުމީ ލަވަތައް ކިޔުމާއި ކޭކު ފެޅުން ވެސް އޮތްއިރު، އެގައުމުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް ރިޓަޔާޑް އަތަރު މުޚްތާރާއި މާލޭގައި ދިރިއުޅޭ ޕާކިސްތާނުގެ ރައްޔިތުންނާއި ދިވެހިން ވެސް ބައިވެރިވިއެވެ. އޭގެ ތެރޭގައި ޕާކިސްތާން މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަންގެ ރައީސް މަސްއޫދު އިމާދާއި އެ ޖަމިއްޔާގެ ނައިބު ރައީސުންނާއި އެގްޒެކެޓިވް މެންބަރުން ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތަރު މުޚްތާރު ވިދާޅުވީ ގައުމުގެ ބާނީ މުހައްމަދު އަލީ ޖިނާހް ވިދާޅުވި ގޮތަށް އެއްބައިވަންތަކަމާއި އިތުބާރު ދަމަހައްޓަން ޖެހޭކަމަށެވެ. އަދި ޕާކިސްތާނުގެ މިނިވަން ދުވަސް ފާހަގަ ކުރި ނަމަވެސް ޖައްމޫ، ކަޝްމީރުގެ ރައްޔިތުންގެ ހާލަތާ މެދު ހިތާމަ ފާޅު ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކަޝްމީރާ ބެހޭ ގޮތުން އެ ސަރަހައްދުގެ ރައްޔިތުންނަށް އަމިއްލައަށް ގޮތް ނިންމުމުގެ ފުރުސަތު ހޯދުމަށްޓަކައި އެމީހުން ކުރާ މަސައްކަތަށް ޕާކިސްތާނުގެ ރައްޔިތުން ތާއިދު ކުރާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމަށް ޢިޝާރަތް ކުރައްވާ ވިދާޅުވީ ރާއްޖެއާއި ޕާކިސްތާނުގެ ގުޅުންތައް ބިނާވެފައިވަނީ ދެ ގައުމުން ވެސް ބަލައިގަންނަ އުސޫލުތަކެއްގެ ސަބަބުން ކަމަށެވެ.

ރާއްޖެއާއި އެގައުމުގެ ގުޅުމަށް ވެސް އަހަރުތަކެއް ވެފައިވާ ކަމަށެވެ. އަދި އެ ގުޅުންތައް ބިނާވެފައިވަނީ ދެ ގައުމުން ވެސް ބަލައިގަންނަ އުސޫލުތަކާއި ގަބޫލުކުރުންތަކެއްގެ ސަބަބުން ކަމަށާއި ޚާއްސަކޮށް ދީނީ، ތާރީޚީ އަދި ސަގާފީ ކަންތައްތަކުގެ މައްޗަށް ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދިވެހި ސަރުކާރާއެކު މަސައްކަތް ކުރަމުންދާ ކަމަށް ސަފީރު ވިދާޅުވިއެވެ.