English Edition
Dhivehi Edition

އުމުރުން 19 އަހަރުގެ ޓިކްޓޮކް ތަރިއެއް ކަމަށްވާ ކޫޕާ ނޮރިއެގާ، ޒުވާން އުމުރުގައި މަރުވެދާނެ ކަމަށް ހިތަށް އަރާކަމަށް ބުނެ ޕޯސްޓެއް ކުރިތާ މާގިނަ އިރެއްނުވެ އޭނާ މަރުވެއްޖެއެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކޫޕާ މަރު ވެފައިވަނީ މިހިނގާ މަހު 9ވަނަ ދުވަހު ޓިކްތޮކްގައި ކުރި ޕޯސްޓަށްފަހު މާގިނަ އިރުތަކެއް ނުވެ ކަމަށް މީޑިއާ ރިޕޯރޓް ތަކުން ބުނެއެވެ. ލޮސްއެންޖަލިސް މެޑިކަލް ޓީމަކުން ބުނެފައިވަނީ އޭނާ މަރުވެފައި އޮއްވާ ފެނުނީ “ޝޮޕިންގ މޯލް” އެއްގެ ޕާކިންގ އޭރިއާ ތެރޭގައި އޮތް އޭނާގެ ކާރު ތެރެއިންނެވެ. ބައެއް މީޑިއާ ތަކުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ކޫޕާ މަރު ވެފައިވަނީ ޑްރަގް އޯވަރޑޯޒް ވެގެންނެވެ.

ކޫޕާގެ މަރާއެކު އޭނާގެ 2.5 މިލިއަން ފޮލޯވަރުން ދަނީ ހިތާމަފާޅު ކުރަމުންނެވެ. ބައެއް ފޭނުން ބުނެފައިވާ ގޮތުގައި މަރުގެ ވާހަކަ ދެއްކިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކޫޕާ މަރުވުމުން ގަބޫލު ކުރަންވެސް ދައްޗެވެ. އަނެއް ބަޔަކު ބުނެފައިވަނީ އެ ޕޯސްޓަކީ ކޫޕާ އަށް އޭނާ މަރުވާން އުޅޭކަން އެނގޭތީ ކޮށްފައިވާ ޕޯސްޓެކެވެ.

ކޫޕާ ކުރި ޕޯސްޓްގައި “ޒުވާން އުމުރުގައި މަރުވާން އުޅޭ ކަމުގެ އިހުސާސް ވޭހޭ؟” އެހުމަށްފަހު އޭނާ ބުނެފައިވަނީ މިގޮތަށް ހިތަށް އަރަނީ އޭނާ އެކަނިބާވައެ ހިތަށް އަރާ ކަމަށެވެ.

ކޫޕަގެ މަރުވެފައިވާ ހަށިގަނޑު ބެލި މެޑިކަލް އޮފިސަރުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯރޓް ކޮށްފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއްގެ ނިށާނެއް ފެންނަން ނެތެވެ. އެހެން ކަމުން އޭނާގެ މަރަކީ ޝައްކު އުފެދޭ މަރެއް ނޫނަކަމަށް ވަނީ ކަނޑަ އަޅާފައެވެ.

ޓިކްޓޮކްގަ ކޫޕާ ވަނީ މަޖާ ސްކޭޓް ބޯޑިން ވީޑިއޯތަކެއް ހިއްސާކޮށްފައެވެ. އަދި ފެޝަން ވީޑިއޯތައް ވެސް ހިއްސާކޮށްފައެވެ.

ކޫޕާގެ އިންސްޓަގްރަމް ގައިވެސް 427،000 ފޮލޯވަރުން ތިބެއެވެ.