English Edition
Dhivehi Edition

ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައިވަނިކޮށް، އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެފައިވާތީ، ދީބާޖާގެ ފަރާތުން އޮޑިޓާ ޖެނެރަލްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށެހެޅުމަށް ވިސްނަމުންދާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުން ބާތިލުކުރުމުން ބަދަލެއްގެ ގޮތުން ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. ދައުލަތުން އޭރު ހައިކޯޓުގައި އެ ހުކުމް އިސްތިއުނާފުކުރުމުން، ސިވިލްކޯޓުގެ ހުކުމް ހައިކޯޓުން ބާތިލުކުރި ނަމަވެސް ފަހުން، ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލުކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓާފަ އެވެ.

މި ސަރުކާރުން، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ނިންމާފައިވާއިރު އެ މައްސަލައިގައި އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، އެއްބަސްވުން ބާތިލް ކޮށްފައި ވަނީ އެއްބަސްވުމާ ހިލާފުވެފައިވުމުން ކަމަށެވެ. އަދި އެ ހައްގު ސަރުކާރަށް ލިބިގެންވާކަން ފާހަގަކޮށް އޮޑިޓާރ ޖެނެރަލް އޮފީހުންވަނީ ސަރުކާރުން އެއްވެސް ބަދަލެއް ނުދިނުމަށް އަންގާފައެވެ.

އެކަމާއި ގުޅިގެން ދީބާޖާ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނީ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދައުލަތުން ކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް ކޮށް ދީފައި ނުވާކަމަށް މީގެ ކުރިންވެސް ކޯޓު މަރުހަލާގައި ތަކުރާރުކޮށް ވާހަކަދައްކާފައިވާނެކަމަށެވެ.

އޮޑިޓާރ ޖެނަރަލް ހަސަން ޒިޔަތުއަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ދިބާޖާއިން ބުނީ ދީބާޖާ ނޫން އެހެނިހެން ކުންފުނިތަކަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޫކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުންނާއި ގުޅިގެން އޮޑިޓާ ޖެނަރަލް ހަނު ހުންނެވިކަމަށެވެ. އަދި މަޖިލީހުގެ އެ މެންބަރުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މެންބަރުން ކަން ފާހަގަކޮށް ދިބާޖާއިންވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އާއިލީ އަދި ރަހިމުގެ ގުޅުން އޮތް މީހަކު ގަނެފައިވާ ގޯއްޗެއްގެ މިލްކުވެރިކަން ބަދަލުނުކުރެވޭ ގޮތަށް ފިޔަވަޅުއެޅުމަށް އަންގައި އަދި ހުޅުމާލޭގައި އޮތް އެ ގޯތި ކޮއްކޮއަކު ވިއްކާލިރިއުވެސް، އޮޑިޓާރ ޖެނަރަލްގެ މަގާމުގައި ހުންނަވައި ޒިޔަތު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާކަމަށެވެ. މީގެ އިތުރުން ދިބާޖާއިން ބުނީ އޮޑިޓާރ ޖެނަރަލް އިސްތިއުފާ ނުދެއްވައިފި ނަމަ އޭނާ މަގާމުން ވަކިކުރުމަކީ ދިވެހި ރައްޔިތުންނަށް ވާޖިބެއްކަމަށާއި އޭނާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެކަމަށެވެ.