އުދަ އަރާފާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށް، މިއަދު 14:00 އިން ފެށިގެން 18:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެއެވެ.
މި ހިނގާ ޖުލައި މަހުގެ ތެރޭގައި މީގެ ކުރިން ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވާއިރު، އައްޑޫ ސިޓީގެ ބައެއް ރަށްތަކަށްވެސް ވަނީ އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާއި ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ގުގުރުން އެކަށީގެންވެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި، ދެކުނުގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ އަދި ގުގުރުން އެކަށީގެންވާ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ. ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް ގަދަވެފައި ކެރިގަނޑުގައި ގަދަ ވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް، ޚާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.