English Edition
Dhivehi Edition
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅިގެން 15 މާރިޗު 2020ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: އީސީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި ފުރުޞަތުގައި އިތުރު ހަ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީން މިއަދު ކުރި އިޢުލާނެއްގައި ހާމަކޮށްފައިވާ ގޮތުން ކައުންސިލްތަކުގެ އިންތިޚާބުން ނަން އަނބުރާ ގެންގޮސްފައި ވަނީ ތިން ކެންޑިޑޭތެކެވެ. އެއީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓެކެވެ.

އެގޮތުން ނަން އަނބުރާ ގެންދިޔަ ޖޭޕީގެ ކެންޑިޑޭޓަކީ މައްޗަންގޮޅި މެދު ދާއިރާ އަށް ކުރިމަތިލި މުޙައްމަދު އަޝްފާޤް، މއ. މޯނިންގވިޔު / މާލެ އެވެ. އަދި އަމިއްލަ ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައި ވަނީ ކ. ތުލުސްދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި ޒައިނާ ޢަބްދުﷲ، އިވްނިންގވިލާ / ކ. ތުލުސްދޫ އާއި ށ. ފޭދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލި ޢަބްދުﷲ ފާއިޒް، އޯކިޑުމާގެ / ށ. ފޭދޫ އެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ތިން ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ. އެއީ ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އަމިއްލަ ކެންޑިޑޭޓް ކަމަށްވާ ޝަޒްނާ މުޙައްމަދު، އުރާމާގެ، ހއ. އުލިގަން އާއި ރ. ރަސްގެތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް، ޢާއިޝަތު ޝެރީން، ލޫނާ، ރ. ރަސްގެތީމު އަދި ނ. މަގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލި އެމްޑީޕީގެ ކެންޑިޑޭޓް، އާމިނަތު ޝީރީނާ، ކޮރަލްގާޑަން، ނ. މަގޫދޫ އެވެ.

މީގެ ކުރިންވެސް ކައުންސިލް އިންތިޚާބަށް ކުރިމަތިލީ 27 ކެންޑިޑޭޓަކު ވަނީ އަނބުރާ ނަން ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލި ހަތް ކެންޑިޑޭޓަކުވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އީސީން ހުޅުވާލާފައި ވަނީ ޖޫން 23 ވަނަ ދުވަހު އެވެ. އީސީން ބުނީ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިޢުލާނު ކުރާނެ ކަމަށެވެ.