English Edition
Dhivehi Edition
20 ޖުލައި 2020 ވަނަ ދުވަހު އައިޔޫއެމްގެ އިސްވެރިން، އިސްލާމިކް މިނިސްޓަރާއެކު ބޭއްވި ބައްދަލުކުރެއްވުން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއި ޔުނިވަރސިޓީގެ އިސްވެރިން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރާ ގޮތުގައި އެ ބައްދަލުވުމަކީ އައިޔޫއެމް އިން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ލަރނިންގ ސެންޓަރއެއް ޤާއިމުކުރުމާ ބެހޭގޮތުންނާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތަކާ ބެހޭގޮތުންނާ އަދި ކިންގ ސަލްމާން މިސްކިތުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިގޮތުގައި އިސްލާމީ ޔުނިވަރސިޓީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްދާކަމުގައި ވިދާޅުވިއެވެ. އެގޮތުން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ލާރނިން ސެންޓަރެއް ޤާއިމްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. މިކަމުން އަތޮޅުތަކުގައި ތިބޭ ދަރިވަރުންނަށް ޢިލްމު ފޯރުކޮށްދިނުމަށް އިތުރު މަގެއް ފަހިވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. ހަމައެހެންމެ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކަންކަން ހަރުދަނާކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގުމާއި އަދި ކިންގް ސަލްމާން މިސްކިތުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އަދާކުރެވިދާނެ ދައުރަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވިގޮތުގައި އިސްލާމިކް މިނިސްޓްރީއާއި މިނިސްޓްރީގެ މުވައްޒަފުންގެ ކުރިއެރުމަށް އިސްލާމީ ޔުނިވަރސިޓީ އަކީ ވަރަށް މުހިއްމު ތަނެއް ކަމުގައެވެ. އެގޮތުން އިމާމުން ތަމްރީނު ކުރުމަށް އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އައިޔޫއެމްގެ ފަރާތުން މިނިސްޓްރީއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް މިނިސްޓަރ ވަނީ ޝުކުރުދަންނަވާފައެވެ.

މިސްކިތްތަކުގެ އިމާމުން ތަމްރީނުކުރުމަށް މިނިސްޓްރީން ނިންމާފައިވުމާއެކު، އިމާމުން ޑިގްރީ ފެންވަރަށް އައިޔޫއެމްގައި ކިޔަވައިދިނުމަށް ހަމަޖައްސަންޖެހޭ މަސައްކަތަކުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށް ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ. އަދި މިފަދަ ތަމްރީނުތަކަށް އައިޔޫއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރ އަށްވަނީ އަރުވާފައެވެ.