އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާން މަހަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ ރަމަޟާން މަސް އިޙްޔާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގުރާމުތަކަކީ ދިވެހި ރައްޔިތުންގެ މެދުގައި އިސްލާމްދީނުގެ ޝިޢާރު ފާޅުކޮށް،، ރަމަޟާން މަހުގެ ރޯދައާއެކު އަޅުކަމަށް ރައްޔިތުން ރައްޔިތުން އިތުރަށް ހީވާގިކޮށް ހޭލުންތެރިކުރުވައި، އިސްލާމްދީނުގެ ސައްޚަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މަތިވެރި މަޤުސަދެއްގައި ދިވެހި ދަޢުލަތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ހިންގާ ޕްރޮގުރާމްތަކެއްކަމަށެވެ.
“މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވެ، ރަމަަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން ދެ ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި. އެއީ މައިންޑްފުލް ރަމަޟާން ނަމުގައި ކުރިއަށް ގެންދެވޭ ވޯކްޝޮޕަކާއި، މަރުޙަބާ ރަމަޟާންގެ ނަމުގައި ބާއްވާ ބޮޑު ދަރުސް. ‘މަރުހަބާ ރަމަޟާން’ ދަރުހަކީ މާލެ އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުހެއް. ފާއިތުވެދިޔަ އަހަރުވެސް މި ދަރުހަށް އާއްމުންގެ ބޮޑު ތަރުޙީބެއް ވަނީ ލިބިފައި” މިނިސްޓްރީން ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ރަމަޟާން މަހުގެ ތެރޭގައި މާލޭގައި 8 އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، 7 ސިޓީ/ރަށެއްގައި މިއަހަރު އިޙްޔާ ފޯރަމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އިޙްޔާ ފޯރަމް ބާއްވާނެ ސިޓީ/ރަށްތައް ކަނޑައަޅާފައިވަނީ ކައުންސިލްތަކުން އެކަމަށް އެދި ހުށައެޅި ޕްރޮޕޯސަލް ވިލަރެސް ކުރުމަށްފަހުގައި އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތަކަށް ބަލައިގެންނެވެ.
މީގެ އިތުރުން ސްކޫލް ދަރިވަރުންގެ މެދުގައި ރަމަޟާން މަހު ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދަރިވަރުންގެ 6 އިޙްޔާ ފޯރަމެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަމަޟާން މަހުގެ ކޮންމެ ހޮނިހިރު ދުވަހު މާލޭގައި އައުޓްރީޗް ޕްރޮގުރާމު ހިންގުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގުރާމުގައި ކުޑަކުދިން ޝައުޤުވެރިވާނެ ކުޅިވަރު ހަރަކާތްތަކާއި، ދީނީ ކައުންސެލިންގ ދިނުމާއި މުސްޙަފް އަދި ދީނީ ފޮތް ހިމެނޭ ސްޓޯލްތައް ހެދުމަށް ވަނީ ނިންމާފައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް ރަމަޟާން މަހުގެ ކޮންމެ ދުވަހަކު އަޞުރު ނަމާދަށްފަހު މާލެ ސަރަޙައްދުގައި އަޞްރު ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
