English Edition
Dhivehi Edition

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫސިޓީ މީދޫ އަށް ވަރަށް ބޮޑަށް އުދައަރާ އަތިރިމަތީގައި ހަދާފައިވާ ފިނި މައިޒާންތަކާއި ހޭޅިފަށަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

މީދޫ އެކި ސަރަހައްދުތަކަށް އުދަ އަރަމުން ދާއިރު، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ މީހަކު ބުނީ ފަސްވަރަކަށް ފޫޓުމައްޗަށް ރާޅު އުފުލި އުދައަރާފައިވާކަމަށެވެ. މީދޫގައި ހިމާޔަތް ކޮށްފައިވާ ކޯގަންނު ގަބުރުސްތާންގެ ވަށައިގެން ރަނާފައިވާ ފާރާ ހަމަޔަށް ގާތްގަނޑަކަށް (300ފޫޓަށް) އުދައަރާފައިވާއިރު އަތިރިމަތީގައި ހަނދާފައިވާ މައިޒާންތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. “މީގެ ކުރިންވެސް ދޭތެރެދޭތެރެއިން ރާފަޅާ ސަރަހައްދަށް އުދައަރާ. އެކަމަކު ކޯގަންނު މި ސަރަހައްދަށް މިހާ ބޮޑަށް އުދައެރި ހަނދާނެއް ނުވޭ.” އެ ހިސާބުގައި ހުރި މީހަކު އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން ބުންޏެވެ. މީގެ ސާޅީހަކަށް އަހަރު ކުރިންވެސް ދިޔަވަރު ބޮޑުވާ ދުވަސްތަކުގައި ކޯގަންނު ބޮނޑުދޮންވެލިގަނޑަށް ދޭތެރެ ދޭތެރެއިން ރާޅުއަރައެވެ. އެހެންނަމަވެސް މިހާރު އެސަރަހައްދު ގިރަމުންދާ ބާރުމިނުގައި އޭރު އެސަރަހައްދު ގިރާފައެއް ނުވެއެވެ.

ނިމިދިޔަ ސަރުކާރުން ވެސް މީދޫ ގެ ގިރާ ސަރަހައްދުގައި، އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓު ލޯނުގެ އެހީގައި ބޮޑު ހިލަޖެއްސުމައް ނިންމަފައިވާކަމަށް ބުނެފައިވާއިރު 2018 ވަނަ އަހަރު އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އޭރުގެ ހައުސިންގް މިނިސްޓަރު މުހައްމަދު މުއިއްޒުވަނީ ވިދާޅުވެއެވެ. އެހެންނަމަވެސް އެ ޕްރޮޖެކްޓުގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައެއް ނުތެއެވެ.

ހަމައެއާއެކު މި ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރާއި މަޖިލީސް އިންތިހާބުގެ ދުވަސްވަރުވެސް މީދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ނިންމާފައިވާކަމަށް ބުނެފައިވާއިރު މި ސަރުކާރުން 2019 ވަނަ އަހަރުގެ ބަޖެޓްގައި އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ސާވޭ ހެދުމަށް ވަނީ ހިމަނާފައެވެ. އަދި 2020 ވަނަ އަހަރު ސަވޭ ނިމި އަމަލީ މަސައްކަތް ފެށޭނެކަމަށް ސަރުކާރުން ބުނެފައިވާއިރު، މިހާތަނަށް އައި އިރު މިކަމުގެ އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.