English Edition
Dhivehi Edition

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ބާތިލް ކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން، ހައިކޯޓުށް ހުށަހެޅި މައްސަލަ ބަލައިގެންފިއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ޕީޖީ އިން ހައިކޯޓަށް ހުށަހެޅި މައްސަލަ، މިއަދު އެ ކޯޓުން ބަލައިގެންފައިވާއިރު މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ އަދީބުގެ މައްސަލަ ގާޒީ އިސްމާއިލް ރަޝީދު ކުރިއަށް ގެންދެވީ ގާނޫނާ ހިލާފަށްކަމަށާއި މި މައްސަލަ ބާތިލްކުރީވެސް ޤާނޫނީ އިމުން ބޭރުންކަމަށެވެ. ޕީޖީގެ ފަރާތުން ގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، ޖޭއެސްސީން އިއްޔެ ވަނީ މި މައްސަލަ ބެއްލެވި ގާޒީ 02 ،މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން ކޮށްފައިވާއިރު އެ ދައުވާތަކަށް އިއުތިރާފްވުމުގެ އެއްބަސްވުމެއް އަދީބާއި ދައުލަތާ ދެމެދު ވަނީ ހަދާފައެވެ. އަދި މި އެއްބަސްވުންތައް ހަދަން ހުށަހެޅުއްވީ އަދީބު ކަމަށް ދައުލަތުން ބުނެފައިވާއިރު މި ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭރު އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އޭނާ ޖަލުގައި ހުންނެވިއިރު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވާނެ ކަމަށް އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް އާއި އޭރުގެ ފުލުހުންގެ އިސްވެރިން ޔަޤީންކަން ދިނުމުން ކަމަށެވެ.

އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދު އެ އިއުތިރާފު އެއްބަސްވުމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއްކޮށްފައިވާއިރު ދައުލަތުން ހެދި އިއުތިރާފުގެ އެއްބަސްވުންތައް ގޯސް ކަމަށާއި އެހެންކަމުން އެ އެއްބަސްވުމުގެ ދަށުން އުފުލި ދައުވާތައް ކުރިއަށް ގެންދެވޭނެ އެއްވެސް ތަނެއް ނޯންނާނެ ކަމަށް ކޯޓުންވަނީ ނިންމާފައެވެ