English Edition
Dhivehi Edition

ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ، ވަކިވަކި ގޮފިތައް އުވާލަން ނިންމާ، ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކޯޓުތަކުގެ ގާނޫނަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އިސްލާހުގައިވަނީ، ކޯޓުތަކުން އަމިއްލަ އިސްނެގުމަށް މައްސަލަތައް ނުބެލޭ ގޮތަށް ހެދުމާއި، ކޯޓުތަކުން ކުރާ ހުކުމް އިސްތިއުނާފު ކުރެވޭ މުއްދަތު 30 ދުވަހަށް އިތުރު ކުރުން، ކޯޓަށް ނެތް ބާރަކުން ކުރާ ހުކުމް ބާތިލުވުމުގެ އިތުރުން ހައި ކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލުމެވެ.

ކޯޓުތަކުގެ ގާނޫނަށް 2014ގައި ގެނައި އިސްލާހާ އެކު ހައި ކޯޓުގެ ދެކުނު ގޮފި ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫގައެވެ.

ޖުޑީޝަރީ ކޮމިޓީން ބިލު ދިރާސާކޮށް، އެ ބިލަށް ބައެއް އިސްލާހުތައް ގެނެސްފައިވާއިރު، އެ ކޮމިޓީން ބިލު ދިރާސާކޮށް ނިންމި ގޮތަށް، މަޖިލީހުގެ ތަޅުމުން ފާސްކުރީ 36 މެމްބަރުންގެ ވޯޓުންނެވެ. މަޖިލީހުން ފާސްކުރި ބިލުގައިވާ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައި ކޯޓުގެ ދެ ގޮފި، މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފެށުމާ އެކު އުވޭނެއެވެ. އެއާ އެކު، ހައި ކޯޓުގެ ދެ ގޮފީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހާ މުދަލާއި ފައިސާއާއި ވަސީލަތްތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބަދަލުވާނެއެވެ.

މީގެ އިތުރުން ހައި ކޯޓުގެ ދެ ގޮފީގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން މަސައްކަތްކުރާނެ އެހެން ތަނެއް، ގާނޫނަށް އަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޑީޖޭއޭ އިން ކަނޑައަޅަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ މުވައްޒަފުން އަދާކުރަމުންދިޔަ ފެންވަރުގެ އެހެން ވަޒީފާއެއް، އެހެން ކޯޓަކުން ނުވަތަ ޝަރުއީ ދާއިރާގެ އެހެން އިދާރާއަކުން ހަމަޖައްސައި، އެ މުވައްޒަފުންގެ ވަޒީފާ ބަދަލުކުރުމުގެ ކަންކަން ނިންމަންވާނެއެވެ.

ހައިކޯޓުގެ ދެ ގޮތްޕަށް ހުށަހަޅައި، އެތަންތަނުގައި ރަޖިސްޓަރީކޮށް ހިންގަމުންގޮސްފައިވާ ހުރިހާ މައްސަލަތައް މާލޭގައި ހިންގަމުންދާ ހައިކޯޓަށް ބަދަލުކުރުމަށް ނިންމާފައިވާއިރު ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލަތައް އެ ކޯޓުގައި ބަލައި ހިންގޭނެ އިދާރީ އިންތިޒާމުތައް ހަމަޖައްސަން ޖެހެއެވެ.

ހައި ކޯޓުގެ ދެ ގޮފި އުވާލަން ގާނޫނަށް އިސްލާހު ގެނައުމަކީ އެމްޑީޕީގެ ‘އެޖެންޑާ19’ގައި ވެސް ހިމެނޭ ކަމެކެވެ.