English Edition
Dhivehi Edition
ރޭގެ މެޗުގައި ޗެލްސީ އަށް ލީޑްނަގައިދިނުމަށްފަހު ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި އެފްއޭކަޕްގެ ދެވަނަ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުގައި މި މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ، ޗެލްސީން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ޗެލްސީން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި 14 ވަނަ ފަހަރެވެ. އެ ޓީމަށް ވުރެ ގިނައިން އެފްއޭކަޕްގެ ފައިނަލްގައި ކުޅެފައިވަނީ އާސެނަލް (21) އާއި ޔުނައިޓެޑް (20) އެވެ. އަދި މިއީ ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑުން މި މުބާރާތުން ކެޓި ހަވަނަ ފަހަރެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތްއިރު، އާއްމުކޮށް އެފްއޭކަޕްގެ މެޗުތަކުގައި އެ ޓީމުގެ ގޯލް ބަލަހައްޓަމުން އަންނަ އާޖެންޓީނާގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯގެ ބަދަލުގައި ޑޭވިޑް ޑެ ހެއާ އަށް ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތުދީފައިވާއިރު، ލީގުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އަތުން 2-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ފަސް ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، ޕައުލް ޕޮގްބާ އާއި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި އެންތަނީ މާޝިއަލް އަދި މޭސަން ގްރީންވުޑް ވެސް ރޭގެ މެޗު ފެށީ ބެންޗުންނެވެ.

ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީން ރޭގެ މެޗަށް ނިކުތީ ލީގުގައިި އެންމެ ފަހުން ނޯވިޗް ސިޓީ އަތުން 1-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކެޕާ އަރިޒަބަލަގާ އާއި ކްރިސްޓިއަން ޕުލިސިޗް އަދި ރުބެން ލޮފްޓަސް-ޗީކް ރޭގެ މެޗު ފެށީ ބެންޗުންނެވެ. ކެޕާ އާއި ޕުލިސިޗް ރޭގެ މެޗުގައި ކުޅެފައިނުވާއިރު، ލޮފްޓަސް-ޗީކް ވަނީ ދެވަނަ ހާފުގައި ކުޅެން ނިކުމެފައެވެ.

ވެމްބްލީގައި ރޭ ކުޅުނު މި މެޗަށް ޔުނައިޓެޑުން ވެސް ނުކުތީ ޗެލްސީ އެކޭ އެއްގޮތަށް ތިން ޑިފެންޑަރުން ލައިގެން ކުޅޭ ސިސްޓަމަށެވެ. ނަމަވެސް، ފުރަތަމަ ހާފުގެ ފަހުބައިގައި އެ ޓީމުގެ އައިވަރިކޯސްޓް ޑިފެންޑަރު އެރިކް ބެއިލީގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ފްރާންސްގެ ފޯވާޑް މާޝިއަލް ކުޅެން ނެރުމަށްފަހު ޔުނައިޓެޑުން ކުރީގެ ސިސްޓަމަށް ބަދަލުކުރިއެވެ. މި ބަދަލު ގެނެސްގެން އެ ޓީމަށް ރަނގަޅަށް ހަމައަކަށް ނޭޅިގެން އުޅެނިކޮށް ޗެލްސީން ވަނީ މި ހާފުގެ އިތުރުވަގުތުގައި އެ ޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ނަގައިދިން ހުރަހަކުން އޮލިވިއޭ ޖިރޫ ކާމިޔާބުކުރި ގޯލާއެކު ލީޑްނަގާފައެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ އަތުގައި ޖެހިފައެވެ.

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

ޗެލްސީން މި މެޗުގައި ޖެހި ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް އެވެ. ގޯލާއި ގާތްގަނޑަކަށް 20 ޔާޑު ދުރުން މައުންޓް ފޮނުވާލި މި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާގެ އަތުގައި ޖެހިފައިވަނީ ގޯލްގެ ތެރެއަށެވެ.

މި ގޯލާއެކު މައުންޓް ވަނީ 2015 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލްގައި ޓޮޓެންހަމް ހޮޓްސްޕާ ކޮޅަށް ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ ވައްދާލި ގޯލަށްފަހު ވެމްބްލީގައި އެ ޓީމަށް ލަނޑުޖަހައިދިން ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. މީގެއިތުރުން، މައުންޓް ވަނީ ލަމްޕާޑްގެ އިރުޝާދުގެ ދަށުން މިހާތަނަށް 18 ގޯލް ކާމިޔާބުކޮށް، އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ހެރީ ވިލްސަންގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ.

އޭގެފަހުން، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް ޗެލްސީން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ، ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ ޕެނަލްޓީއޭރިޔާތެރެއިން ޗެލްސީގެ ވިންގްބެކް މާކަސް އަލޮންސޯ ނަގައިދިން ހުރަހަކުން ދިޔަ ބޯޅަ މެގުއާ ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަތް ގޯލެކެވެ.

ޔުނައިޓެޑުން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު، މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމުގެ މާޝިއަލް އަށް ޗެލްސީގެ އިނގިރޭސި ވިންގާ ކެލުމް ހަޑްސަން-އޮޑޯއީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ޕޯޗުގަލްގެ އިތުބާރު މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް އެވެ.