English Edition
Dhivehi Edition

މިދިޔަ ޖޫން މަހު މަރުވި މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖްޕުތްގެ މަރާއި ގުޅިގެން އޭނާގެ ލޯބިވެރިޔާ، ރިއާ ޗަކްރަބޯޓީ އަށް މަރުގެ އިންޒާރުދެމުން އަންނަ މައްސަލަ ބަލަން ފަށައިފިއެވެ.

ސުޝާންތުގެ މަރާއި ގުޅިގެން ރިއާއަށް ގިނަ ބައެއްގެ ފާޑުކިޔުމާއި ނަފްރަތު އަމާޒުވެފައިވާއިރު ފާއިތުވެދިޔަ އެއް މަސްދުވަހުގެ ތެރޭގައި އޭނާއަށް ލިބެމުންދިޔަ އިންޒާރުތަކާއި ގުޅިގެން ރިއާވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގެ ޕްރައިވެސީ ވަރުގަދަކޮށް ކޮމެންޓް ނުކުރެވޭ ގޮތް ހަދާފައެވެ. އަދި އޭނާއަށް ލިބެމުން ދިޔަ އިންޒާރުގެ މެސެޖްތަކަށް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައި ނުވާއިރު އިންސްޓަގްރާމްގެ ދެ އަކައުންޓަކުން އޭނާއަށް މަރުގެ އިންޒާރުދީ ރޭޕްކޮށްލާނެކަމަށް ބުނެ ބިރު ދައްކަން ފެށުމުން ރިއާ މި ވަނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައެވެ،

މިދިޔަ ހޮނިހިރު ދުވަހު އެ އިންޒާރުތަކާއި ގުޅިގެން ރިއާ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާއިރު އެ ދެ އަކައުންޓް ޓްރޭސްކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ތަހުޤީޤުތައް ބާރަށް ކުރިއަށްދާކަމަށް ފުލުހުންވަނީ ބުނެފައެވެ،

ސުޝާންތުގެ މަރާއި ރިއާ އާއި ގުޅުމެއް ވާކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، ސުޝާންތުގެ އުފަން އަވަށް ބިހާރު ސްޓޭޓްގެ، ކުންދަން ކުމާރު ކިޔާ މީހެއް ވަނީ ރިއާ އާ ދެކޮޅަށް ބިހާރުގެ ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ.

ސުޝާންތުގެ މަރާއި އެކު ރިއާ އާއި ޕްރޮޑިއުސަރު މަހޭޝް ބަޓް އާ ދެމެދު ސިއްރު ގުޅުންތަކެއް އޮންނަ ވާހަކަ ވެސް ފެންމަތިވެގެން ގޮސްފައިވާއިރު ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ސުޝާންތު ބާކީ ކޮށް އޭނާއަށް ލިބުނު ގިނަ ފިލްމުތަކުން، އޭނާ ބާކީކޮށްލާފައިވާ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. ސުޝާންތުގެ މަރުގެ މައްސަލައިގެ ތަހުޤީގު އަދިވެސް ކުރިއަށްދާއިރު މި މައްސަލައިގައި ރިއާގެ ބަޔާނެއްވެސް ފުލުހުންވަނީ ނަގާފައެވެ.