މޫސުން އިތުރަށް ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
އެގޮތުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް، މިއަދު 12:00 އިން ފެށިގެން 16:00 އާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި އެ ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އާއި ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެ ވޭ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވެއެވެ.
މީގެ އިތުރުން ހުޅަނގުއުތުރާއި އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.